ކާރިސާތަކަށް މުޖުތަމައު އަހުލުވެރި ކުރުވުމަށާއި، ކުރިއާލައި އިންޒާރު ދޭ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީއާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ "ޓްރެކްޓް" (ޓީއާރުއޭސީޓީ) ޕްރޮޖެކްޓުގެ ދަށުން ކަނޑައެޅިފައިވާ މުހިންމު ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒު ކުރުމަށެވެ.
މާލޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދެ ފަރާތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު މުޖުތަމައުގައި އިތުރު ކުރުމާއި، ކާރިސާތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
މީގެ އިތުރުން، ރައްޔިތުންގެ ބައިވެރިވުމާ އެކު އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިއާލައި އިންޒާރު ދޭ ނިޒާމުތައް (މަލްޓި-ހަޒާޑް އާލީ ވޯނިން ސިސްޓަމްސް) ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެކެވެ.
މި އެއްބަސްވުމުގެ ސަބަބުން، މޫސުމީ ބަދަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ދިމާވާ އެކިއެކި ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުވެގެންދާނެ އެވެ. އަދި ކުއްލި ހާލަތްތަކުގައި އަވަހަށް މައުލޫމާތު ފޯރުކޮށްދީ، މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.
ކޮމެންޓް