ކޮޕް 31ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި އެވެ.
ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކު ކޮންވެންޝަން އޮން ކަލައިމެޓް ޗޭންޖުގެ ކޮންފަރެންސް އޮފް ޕާޓީސްގެ 31 ސެޝަން (ޔޫއެންއެފްސީސީސީ ކޮޕް31) ކުރިއަށް ދާނީ މިމަހުގެ 10 އިން 14 އަށް ތުރުކީވިލާތުގެ އަންތާލިޔާގަ އެވެ.
މި ދަތުރުފުޅުގައި ރައީސް ރާއްޖޭގެ ފަރާތުން، ގައުމީ ބަޔާން އިއްވަވާނެ އެވެ. އަދި މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ގައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެ އެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫއެންއެފްސީސީސީގެ މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ.
މީގެ އިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމައީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި، އަދި މަދަނީ ޖަމުއިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެ އެވެ.
ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީހީ ޔޫއެންއެފްސީސީސީ މުއާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުއާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސްމެ އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮމެންޓް