ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ މުޅި ޕްރޮޖެކްޓް ނިމޭއިރު ހަރަދުވާނީ ގާތްގަނޑަކަށް 330 މިލިއަން އެމެރިކާ ޑޮލަރަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
"އަހާ ފޯރަމް" ގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށިތާ ކައިރީގައި އެސްޓިމޭޓެޑް ކޮސްޓުގެ ގޮތުން 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ވިދާޅުވެފައިވާނެ ކަމަށެވެ. އެއީ އޭރު މާކެޓްގެ ރޭޓުތަކާއި، ޝޯވް ޕްރޮޓެކްޝަން އަދި އެހެނިހެން މަޝްރޫއުތަކަށް ހިނގާފައި ހުރި ހަރަދުތަކަށް ބަލައިގެން އަންދާޒާކުރެވުނު އަދަދެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އޭރު އެވަރުގެ ހަރަދެއް ދާނެކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނާއި ޑްރެޖަރު ޗާޓާކޮށްގެން ވީހާވެސް ހަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، މިއަހަރު ނިމޭއިރު ބިން ހިއްކައި ނިމޭއިރު ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ 330 މިލިއަން ޑޮލަރުގެ ބޮޑުބައެއް ދިވެހި ރުފިޔާއިން ދައްކާފައިވާނެ ކަމަށާއި، މިއީ ޑޮލަރުގެ ތާށިކަމަށް ރިއާޔަތްކޮށް ސަރުކާރުން ގެންގުޅުނު ހަރުދަނާ ސިޔާސަތެއްގެ ސަބަބުން ލިބުނު ލުޔެއް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ސިޔާސީ ބޭނުންތަކަށްޓަކައި 700 މިލިއަނާއި 1،000 މިލިއަން ޑޮލަރާ ގާތްކުރާ އަދަދުތަކަށް ހަރަދުވާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ އަސާސެއް ނެތް ވާހަކަތަކެއް ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ.
ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް ބޭރު ފައިސާއާއި ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ހިނގަމުންދާއިރު، ސަރުކާރުން މަސައްކަތްކުރަމުންދަނީ ޑްރެޖަރު އަމިއްލައަށް ޗާޓާކޮށްގެންނާއި، ލޯކަލް ކުންފުނިތައް މެދުވެރިކޮށް ހަރަދުތައް ވީއެންމެ ކުޑަކުރެވޭނެ އުސޫލުތަކަކަށް މަޝްރޫއު ކުރިއަށްގެންދިއުމަށްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ކޮމެންޓް