ފުޓުބޯޅަ މުބާރާތްތަކާއި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށްގެންދެވޭނެ ފަދަ ޒަމާނީ ތަނަކަށް ގަލޮޅު ރަސްމީ ބޯޅަ ދަނޑު ހެދުމަށް ނިންމާފައިވާ ކަމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މި ގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުގެ ސިޑިބަރި ހެދުމަށްފަހު ފުޓްބޯޅަ އާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އެހެނިހެން މުނިފޫހިފިލުވުމުގެ ކަންކަމުގައި ބޭނުންކުރެވޭނެ ހިތްގައިމު ތަނަކަށް ގަލޮޅު ދަނޑު ބަދަލުކުރެވިގެންދާނެ ކަމަށެވެ.
"ގަލޮޅު ދަނޑު އަޅުގަނޑުމެން ނިންމާފައި މިވަނީ ރީޕާޕަސް ނުވަތަ ރީފިޓް ކުރަން. ފިހާރަތައް ނަގާ، މަގު ވޯކިންގ ޕާތުވޭއަކަށް ހަދާ މަގު ފުޅާކޮށް، ދަނޑުގެ ވިނަގަނޑު އެއްކޮށް ނަގާ އައު ޕިޗެއް އަޅަން." ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގަލޮޅު ދަނޑު ތަޅާލައި އެ ތަނުގައި އާ ދަނޑެއް އެޅުމުގެ މަސައްކަތްތަކެއް ކުރަން އިއުލާނުކުރިއެވެ. އެގޮތުން، ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ހަމަޖެއްސިއެވެ.
އަދި ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާއިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީއަށް ހަރަދުކުރަން، 2021 ވަނަ އަހަރުގެ ބަޖެޓްގައި 45،494،505 ރުފިޔާ ހިމެނިއެވެ. އޭގެ ފަހުން، އަހަރުތަކުގައި ވެސް އެ މަސައްކަތް ކުރަން ބެލި ނަމަވެސް އެކި ސަބަބުތަކާ ހުރެ އަމަލީ ސިފައެއް ނުޖެހުނެވެ.
ކޮމެންޓް