ޕާކިސްތާން އަތުން 0-3 އިން ބަލިވެ، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިތުރަށް ކުރިއަށްދިއުމަށް ރާއްޖެއަށް ހުރަސްތަކާ ކުރިމަތިވެއްޖެއެވެ.
ބަންގްލަދޭޝްގެ ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 24 ވަނަ މިނެޓުގައި ޕާކިސްތާނުން ވަނީ އެޓީމުގެ ތިން ލަނޑުޖަހާ ބޮޑު ލީޑެއް ނަގާފައެވެ. ރާއްޖެއަށް މި މެޗުގެ ނަތީޖާއާއެކު މުބާރާތުން ކުރިއަށްދާން ބޭނުންނަމަ މި މަހުގެ 11 ވަނަ ދުވަހު އިންޑިއާއާއި ދެކޮޅަށް ކުޅެން އޮންނަ މެޗުން ތަފާތު ބޮޑުކޮށް މޮޅުވެގެންނެވެ.
އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އިން ވަނީ 2-3 އިން ޕާކިސްތާން ބަލިކޮށްފައެވެ.
މެޗު ފަށައިގެން ފުރަތަމަ އެޓޭކެއް އުފެއްފުމަށް މަސައްކަތްކުރީ ރާއްޖެއިންނެވެ. ނަމަވެސް ދެ ވަނަ މިނެޓުގައި މުހައްމަދު ނާއިމް އޭރިއާ ތެރެއިން މިކެއަލް އަރޫން އަބްދުﷲ އަށް ކުރި ފައުލާ ގުޅިގެން ޕާކިސްތާނަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއާއެކު މިކެލް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ކުރީކޮޅު ޕާކިސްތާނަށް ލީޑު ނަގާދީފައެވެ.
މި ލަނޑަށްފަހުވެސް ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކުރެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވެފައި އޮތް ޕާކިސްތާނުން ވަނީ ރާއްޖެއަށް އިތުރު ފުރުސަތެއް ނުދީ ދެވަނަ ލަނޑު މެޗުގެ 9 މިނެޓުގައި ޖަހާ ލީޑު ފުޅާކޮށްފައެވެ. މިލަނޑު ޖަހައިދިނީ ނަޖީބުﷲއެވެ.
ގާތްގާތުގައި ޕާކިސްތާނުން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަނީ މާޔޫސްކަން ފެނި، ކުޅުމުގެ ޓެމްޕޯއަށް ބަދަލު އައިސްފައެވެ. އަދި އޭގެ ފައިދާ ނަގާ ޕާކިސްތާނުން ވަނީ އެޓީމުގެ ތިންވަނަ ލަނޑުޖަހާ ރާއްޖޭގެ ޓީމު އިތުރަށް ހާސްކޮށްލާފައެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ ނަޖީބުﷲއެވެ.
ދެވަނަ ހާފަށް ރާއްޖެއިން ތިން ބަދަލަކާއެކު ނުކުތްއިރު، ހާފުގެ ކުރީކޮޅުގައި ރާއްޖޭން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރި ނަމަވެސް، އެޓޭކްތައް ފެނުނީ މަދުކޮށެވެ.
މިމެޗުގެ ކުރިން ޕާކިސްތާނާއި ރާއްޖޭން ޖުމުލަ އަށް މެޗެއްގައި ކުރިމަތިލާފައިވެއެވެ. އޭގެ ތެރެއިން ރާއްޖޭން ހަތަރު މޮޅެއް ހޯދާފައި އޮތް އިރު، ދެ މެޗެއް އެއްވަރުވިއެވެ. ޕާކިސްތާނުން ރާއްޖެ ބަލިކުރީ 2006 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ދާދިފަހުން މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައެވެ. އެންމެފަހުން މެޗުގައި ޕާކިސްތާނުން ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެއީ މިއަހަރު ޖޫން މަހުއެވެ.
ކޮމެންޓް