ދިވެހި ފިލްމީ ދާއިރާއަށް ލޯބިކުރާ ފަރާތްތަކުން އެންމެ ކެތްމަދުވެފައި ތިބި، އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ؟" ގެ ނޭޝަންވައިޑް ތިއޭޓްރިކަލް އެގްޒިބިޝަން ޕާޓްނާއެއްގެ ގޮތުގައި އައިލެންޑް ސިނެމާ ހަމަޖައްސައިފިއެވެ.
އައިލެންޑް ސިނެމާއަކީ ދިވެހި ފިލްމުތައް ރާއްޖޭގެ އެކި ރަށްރަށާއި، ރިސޯޓްތަކުގެ އިތުރުން ރާއްޖޭން ބޭރުގެ އެކި ހިސާބުތަކުގައި ސްކްރީން ކުރަމުންދާ، ބެލުންތެރިންނާއި ޕްރޮޑިއުސަރުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށްވެސް ގިނަ ދިވެހި ފިލްމުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުވާފައިވާއިރު، މީގެ ކުރިން އައިލެންޑް ސިނެމާއިން ވަނީ އެއްފަހަރާ 54 ޝޯ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުވައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
އައިލެންޑް ސިނެމާއިން މައުލޫމާތު ދޭ ގޮތުގައި، "ކީއްވެ'' ފިލްމު ރަށްރަށުގައި އަދި ރިސޯޓްތަކުގައި ސްކްރީން ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 7779621 ނުވަތަ 9111164 އަށް ވައިބަރ މެދުވެރިކޮށް މެސެޖު ކުރައްވައިގެން އެކަމުގެ އިންތިޒާމުތައް ކުރިއަށް ގެންދެވޭނެއެވެ. އަދި މި ފިލްމަކީ އައިލެންޑް ސިނަމާ އިން މި އަހަރު ރަށްތަކުގައި ދައްކާނެ އެންމެ ފަހު ފިކްމެވެ.
މި ފިލްމްގެ ޓްރެއިލަރާ އެކު ފިލްމަށް އޮތް އިންތިޒާރާއި ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ. 25 އަހަރަށް ފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރ ރީކޯ މޫސާ މަނިކުގެ މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާއިރު، އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިންގ ޓްރެއިލަރއިން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ.
މިފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމް ތަކާއި ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއްކަމަށް ބެލެވެއެވެ.
މި ފިލްމް ޚައްސާވާ އެތައް ކަމެއް ހުރި އިރު ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ، 20 އަހަރުގެ މެދުކެނޑުމަކަށް ފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ އެނބުރި އައުމެވެ. އެގޮތުން އީސަ ގެނެސްދޭ މި އުފެއްދުމުގެ މަންޒަރުތަކާއި ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ޓްރެއިލަރއިން ހާމަވެއެވެ.
ފިލްމުގެ ޓްރެއިލަރ އާންމުކޮށް ޓިކެޓް ވިއްކަން ފެށުމާ އެކު، ޓިކެޓަށް އޮތް ޑިމާންޑް ވަނީ ކުއްލިއަކަށް މައްޗަށް ގޮސްފައެވެ. އަދި ކުލަގަދަ އިވެންޓަކާއި އެކު މި ފިލްމު ރަސްމީކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައި ވަނީ 25 ނޮވެމްބަރ 2026 ގައެވެ.
ކޮމެންޓް