ޖަލު ބަންދުގައި ތިބި ނަމަވެސް، ގައިދީންނަކީ ހުނަރުން ފުރިގެންވާ ބައެއް!

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ގައިދީން ތައްޔާރުކޮށްފައިވާ ތަކެތި / ފޮޓޯ: ދެލި

ދައްކަން މިއުޅެނީ މިނިވަން މާހައުލުގައި ބޭނުން އިރަކު ބޭނުން ކަމެއް ކޮށްގެން އުޅޭ، ބޭނުން އިރަކު ބޭނުން އެއްޗެއް ހޯދައިގެން އުޅޭ މީހެއްގެ ނުވަތަ މީހުން ތަކެއްގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ މި މިނިވަން މާހައުލުން މިއަދު އެކަހެރިވެފައިތިބި، ހަގީގަތުގައިވެސް މަސައްކަތާއި ހުނަރުން ފުރިގެންވާ ބައެއްގެ ވާހަކައެވެ. ހަޔާތުގައި ކޮންމެވެސް އިރަކު ކުރެވުނު ކުށަކުން މިއަދު ކުޑަގޮޅިއެއްގައި ދުވަސްތަކާއި އަހަރުތައް ހޭދަކުރަމުންދާ ބައެއްގެ ވާހަކަ އެވެ. އާދެ، ގައިދީންގެ ވާހަކައެވެ.

ކޮންމެ ހާލެއްގައި އުޅެން ޖެހުނު ނަމަވެސް އެމީހުންނަކީ އަބަދުވެސް ދިވެހި ރައްޔިތުންނެވެ. އެމީހުންގެ ވަޒަނީ މި ދިވެހިރާއްޖެއެވެ. ނަމަވެސް އެމީހުން ހޭދަކުރަން ޖެހިފައިވަނީ އާންމު ރައްޔިތަކު ދިރިއުޅޭ އުފާވެރި ހަޔާތެއް ނޫނެވެ. މި ހުރިހާ ވާހަކައެއް އެއްފަރާތް ކޮށްލުމަށްފަހު އަސްލު މައުޟޫއަށް ދަމާ ހިނގާށެވެ.

photo_2026-10-31_02-36-17 (2).jpg
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި ގައިދީން ތައްޔާރުކޮށްފައިވާ ތަކެތި

މީގެ އެތައް އަހަރެއް ކުރިންވެސް ރާއްޖޭގައި ތަފާތު ނަންނަމުގައި މައުރަޒުތައް ކުރިއަށްގެންދެއެވެ. އެ މައުރަޒުތަކުގައި އާދަޔާ ހިލާފު ދިވެހި އަމިއްލަ އެތަކެއް އުފެއްދުންތަކެއް އާންމުންނަށް ފެންނާނޭހެން ބަހައްޓާފައި ހުރެއެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ގިނައިން ހުންނަނީ ބޭނުން ވަގުތަކު ބޭނުން އެއްޗެއް ހޯދައިގެން މާކުރިޔާލާ ތައްޔާރުކޮށްފައި ހުންނަ ތަކެއްޗެވެ. އަދި އޭގެ ތެރެއިން އެންމެ މަދުން ފެންނަން ހުންނަނީ ވަގުތު ގޮތުންނާއި ތަކެތީގެ ގޮތުން އެތަކެއް ހުރަސްތަކަކާ ކުރިމަތިވެގެން ތައްޔާރުކޮށްފައި ހުންނަ "އެންމެންގެ ލޯތައް ތަރަތަރަ" ޖަހާވަރުގެ އާދަޔާ ހިލާފު މޮޅު އުފެއްދުންތަކެކެވެ.

މި އުފެއްދުންތަކަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ތައްޔާރުކުރާ ތަކެއްޗެެވެ. ބަލައިލަން އެހާމެ ރީތި، އެހެން ނަމަވެސް ކަވި އަދި އާދަޔާ ހިލާފު ބުރަ މަސައްކަތްތަކެއް އެތަކެތިން ފެނިގެންދެއެވެ. މި ތަކެއްޗަކީ ޖަލުގެ އޮފިސަރުން ފޯރުކޮށްދޭ މަދު ވަސީލަތްތަކަކުން ދުވަހެއްގައި ލިބޭ މަދު ވަގުތު ކޮޅެއްގައި މަސައްކަތަށް ނުކުމެ ތައްޔާރުކުރާ ތަކެއްޗެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 އަށް ބަލާލަމާ ހިނގާށެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސްޓޯލުގައި ފެންނަން ހުރި އުފެއްދުންތައް ދުށީމު ހެއްޔެވެ. އަމިއްލަ ގޭގައި އޭގެން އެއްޗެއް ގަނެގެން ގެންގޮސް ބައިންދާ ހިތެއް ނުވޭހެއްޔެވެ. އެއީ ހާދަހާ ވާ "ރީތި ރާޒުވާ ކުޅިބައި” ތަކެކެވެ. އެއީ ހާދަހާ ވާ "ރީތި ހިތްޖެހި ފްރޭމް” އެކެވެ. އެއީ ހާދަހާ ވާ "ރީތި މޭޒު” ތަކެކެވެ. މިއީ ހަމަ ގައިދީން ތައްޔާރުކުރި ތަކެތި ހެއްޔެވެ. މިއީ ހާދަހާ މޮޅު ހާދަހާ ހުނަރުވެރި ބައެއް ކޮށްފަ ހުރި މަސައްކަތެއް ދޯ އެވެ. އެ ސަރަހައްދުން މިއަޑު ނޫން އަޑެއް ނީވެއެވެ.

"މިތަނުން ދުރަށްދާން ނޭނގިފަ މިހުރީ. ހަމަ ގަބޫލުކުރަންވެސް އުނދަގޫވެފަ ހުރެގެން މި ބެލެނީ މިތަކެއްޗަށް. ހާދަ ކުޅަދާނައޭ ހިތައް އަރަނީ ބަންދުގަައި ތިބޭ މީހުން. އެމީހުންގެ މި މަސައްކަތަށް ތައުރީފު ހައްގު." މައުރަޒުގެ ބައިވެރިޔަކު ބުންޏެވެ.

photo_2026-10-31_02-36-17 (4).jpg
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ގައިދީން ތައްޔާރުކޮށްފައިވާ ބައެއް ތަކެތި
ކަރެކްޝަންގެ ސްޓޯލަށް ޒިޔާރަތްކުރާ އެތަކެއް ދިވެހިންނެއް އާޝޯހު ވަނީ އެ އުފެއްދުންތަކުގެ ފުރިހަމަ ކަމުންނެވެ. އެ މަސައްކަތުގެ ރީތިކަމާއި ތަފްސީލު ކަމުންނެވެ. ސާފު ތާހިރުކަމާއި ދައްކުވައިދޭ ހިތްގައިމު ކަމުންނެވެ. މި ހުރިހާ ތަކެއްޗެއް ތައްޔާރު ކުރުމުގައި ގައިދީން ކޮށްފައިވާ ބުރަ މަސައްކަތުންނެވެ. މިއީ ހަމަ އަސްލުވެސް ދިވެހީންގެ އުފެއްދުމެއް ބާއޭ ކުރެވޭ ސުވާލަށް ވުރެ "މިއީ ހަމަ އަސްލުވެސް ގައިދީން ކުރި މަސައްކަތެއް ބާއޭ" ކުރެވޭ ސުވާލު މާ ބޮޑެވެ. އާނއެކެވެ. މިއީ ހަމަ އަސްލުވެސް ގައިދީންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ދައްކުވައިދޭ މަސައްކަތްތަކެކެވެ. އެމީހުންގެ މަސައްކަތުގެ މަދު ވަގުތު ކޮޅުގެ އުފެއްދުންތަކެކެވެ. މަދު ބައެއްގެ އެތަކެއް ހިޔާލުތަކަކާއި އެކުވެ މަސްހުނިވެފައިވާ ސާފު ރީތި އުފެއްދުން ތަކެކެވެ.

"އަޅުގަނޑު ހިތަށް އަރަނީ ގައިދީންގެ މި އުފެއްދުންތައް ކީއްވެބާއޭ ކަރެކްޝަނުން ނޫނީ ކަމާގުޅޭ އިދާރާއަކުން މިގޮތަށް އަބަދުވެސް މީގެ މަސައްކަތް އެމީހުން ލައްވާ ކުރުވާފަ ބާޒާރަށް ނުނެރެނީ. ދިވެހި ދަރީންތަކެއްގެ މިހާ ރީތި އުފެއްދުންތަކެއް އަބަދުމެ ގަންނަން ލިބެން ހުންނަ ނަމައޭ ވަރަށް ހިތަށް އަރާ. ގޭގެ ސިޓިން ރޫމާއި ކޮޓަރިތަކުގެ ރީތިކަން މިތަކެތިން ދައްކުވައިދޭނެ މިހެން އުފައްދާފަ ހުންނަ ސާމާނުން. އަޅުގަނޑު ހަމަ އަސްލަށްވެސް އަޖައިބުވެއްޖެ." މައުރަށް ޒިޔާރަތްކުރި އުމުރުން ދުވަސް މީހަކު ބުންޏެވެ.

ގައިދީން އުފައްދާ ތަކެއްޗަކީ އެމީހުންގެ އަމިއްލަ އުފެއްދުމަކަށްވާއިރު، މި އަހަރުގެ މައުރަޒުގައި ކަރެކްޝަންގެ ސްޓޯލުގައި ހުރި ތަކެއްޗަކީ އެތަކެތި ވިކުމުން އޭގެން ގައިދީންނަށް ޕަސެންޓް ލިބޭ ތަކެއްޗެވެ. މީގެ ކުރިން މިގޮތަށް މިކަން ކުރަމުން އައިސްފައި ނެތްއިރު، މިއީ ހަމަ ޔަގީނުންވެސް ގައިދީންގެ ބުރަ މަސައްކަތަށް ލިބޭނެ އަގުހުރި އުޖޫރައެކެވެ. އެމީހުންގެ މަސައްކަތް ދެން އޮންނަ މައުރަޒަކަށް ދެގުނަ ވެގެންދާނެ ކަމެކެވެ. އެމީހުންގެ ތެރޭގައި ތިބި އެކި ފަންނުގެ މީހުންގެ ވާދަވެރިކަން ބޮޑުވެ މައުރަޒު އިތުރަށް ފުރިހަމަވެގެންދާނެ ކަމެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސްޓޯލުގައި ހަރަކާތްތެރިވާ އޮފިސަރުން ހާމަކުރެެއްވި ގޮތުގައި މިއަހަރުގެ މައުރަޒުން ވިކޭ ތަކެތީގެ ހިއްސާއެއް ގައިދީންނަށް ލިބޭނެއެވެ. އަދި އެމީހުންގެ މި ބުރަ މަސައްކަތުން ކަރެކްޝަނަށް ރައްޔިތުންގެ އެއްބާރުލުމާއި ލޯބި ލިބިގެންދެއެވެ. މީގެ ކުރިން މި މަސައްކަތްތަކުން ގައިދީންގެ މަސައްކަތުގެ އަގު ނުކުރެވުނު ނަމަވެސް ހަމަ ޔަގީނުންވެސް މިއަހަރު މި ތަކެތިން ގައިދީންނަށް އުފާވެރިކަން ގެނުވަދޭނެކަން ގައިމެވެ.

ކޮމެންޓް

team

ފުވައްމުލަކުގައި 10 ބުރީގެ އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީ އަށް

6 ގަޑިއިރު ކުރިން
team

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

8 ގަޑިއިރު ކުރިން
team

ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު ނިމުމަކާ ގާތަށް

8 ގަޑިއިރު ކުރިން
team

ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯއާ 6 މަޝްރޫއުއެއް ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

ގެމަނަފުށި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

އައު މެންބަރުންނާއެކު ޕެރޯލް ބޯޑު އެކުލަވާލައިފި

9 ގަޑިއިރު ކުރިން
team

22 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

އަގުހުރި އިނާމުތަކާއެކު ބީއޭއެމްއެލް ކާނިވާ މާދަމާ ފަށަނީ

10 ގަޑިއިރު ކުރިން
team

މިމަހުގެ 11 އަދި 12 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދު ވާނެ

11 ގަޑިއިރު ކުރިން
team

ނިލަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

12 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ‏32‏ ޕަސެންޓް ނިންމައިފި

12 ގަޑިއިރު ކުރިން
team

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy