ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން، އެ ގަރާރެއް ބަލައިގަތުމާ މެދު މެންބަރުންގެ މެދުގައި ވޯޓަށް އަހަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އިސްލާހެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގަވާއިދުގެ 191 ވަނަ މާއްދާއަށް ހުށަހެޅި މި އިސްލާހުގައި ބުނެފައިވާ ގޮތުގައި، މަޖިލީހަށް ހުށަހަޅާ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަށް އަހާނީ އެ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިންނެވެ. އަދި ގަރާރު ބަލައިގަންނަން ފާސްވެއްޖެނަމަ އިބްތިދާއީ ބަހުސްކުރުމަށްފަހު އެ ޤަރާރު ދަތުރުކުރާނީ ކަމާގުޅޭ ކޮމިޓީއަކަށެވެ. ނަމަވެސް، ޤަރާރު ބަލައިގަންނަން ފާސްނުވެއްޖެނަމަ އެ ޤަރާރެއް ވަގުތުން ބާތިލުވާނެ ކަމަށާއި، އެ ގަރާރަކާމެދު އިތުރު ބަހުސްކުރުމެއް ނޯންނާނެ ކަމަށް އިސްލާހުގައިވެއެވެ.
އިސްލާހުގައި އިތުރަށް ބުނެފައިވާ ގޮތުގައި ގަރާރަކީ ތިލަ އިބާރާތް ނޫން ދީބާޖާއެއް އެކުލެވިގެންވާ އެއްޗަކަށް ވާންޖެހޭއިރު، ހިނގަމުންދާ ބަހުސަކާ ގުޅޭ މައުލޫއަކަށް އޮތް ގަރާރަކަށް ވެގެން ނުވާނެއެވެ. އަދި ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ގަރާރު ފާސްވުމުން، ބިލު ތަންފީޒުކުރުމަށް އޮންނަ އުސޫލުން ތަންފީޒުކުރަން ފޮނުވަން ނުޖެހޭނެ ކަމަށްވެސް ހިމަނައިފައިވެއެވެ.
މަޖިލީހުގެ މިހާރުގެ ގަވާއިދު އޮންނަ ގޮތުން، މެންބަރަކު ގަރާރެއް ހުށަހެޅުމުން އެ ޤަރާރު ބަލައިގަތުމާ މެދު ވޯޓަށް އަހަނީ މަޖިލީހުގެ ތަޅުމުގައި އިބްތިދާއީ ބަހުސް ފުރިހަމަކުރުމަށްފަހުގައެވެ. އާންމު މަސްލަހަތާ ގުޅުންހުރި މުހިންމު ކަންކަމުގައި ސިޔާސަތުތަކަށް ސަމާލުކަން ހޯދުމަށް މެންބަރުން ގަރާރު ހުށަހަޅުއްވާއިރު، މި އިސްލާހު ފާސްވެއްޖެނަމަ އިބްތިދާއީ ބަހުސްގެ ފުރުސަތު ލިބޭނީ މަޖިލީހުން އެ ގަރާރެއް ބަލައިގަންނަން ފާސްކުރުމުން އެކަންޏެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކުރާ ތާރީހުން ފެށިގެންނެވެ.
ކޮމެންޓް