ރައްޔިތުންގެ މަޖިލިސް މެންބަރުން އާސަންދަ ސްކީމުން ބޭރުވެ، އިންޝުއަރެންސެއް ނެގުމުން ދިވެހި ދައުލަތަށް ހަރަދު ކުޑަވާނެ ކަމަށް ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ދެމުންދާ ހެލްތު އިންޝުއަރެންސް އިނާޔަތްތައް އުވާލުމަށް ގޮވާލާ ޕެޓިޝަންގެ ބަހުސް ކުރިއަށް ގެންގޮސްފައިވެ އެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހަޅާފައިވާ މި ޕެޓިޝަނަށް އޮގަސްޓް 16 ވަނަ ދުވަހުސޮއި ހޯދަން ފަށާފައިވާއިރު، މިހާތަނަށް 7225 މީހުން ސޮއިކޮށްފައިވެއެވެ.
މި ޕެޓިޝަންގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މި ޕެޓިޝަން ހުށަހެޅި ފަރާތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންގެ ކަންކަން ހިނގާގޮތް ރަނގަޅަށް ބެލިފައި ނެތްކަމަށާއި މިފަދަ ޕެޓިޝަންތައް ހުށަހަޅާއިރު ރައްޔިތުންގެ މެދުގައި މަސްލަހަތު ނުގެއްލޭނެ ގޮތަށް ޕެޓިޝަންތައް ހުށަހެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
ފަލާހު ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް ނުލިބޭ އެއްވެސް އެއްޗެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެގެން ލިބޭކަށް ނުޖެހޭ ކަމަށާއި އަދި އެކަމަށް ތާއީދުކުރާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިސް މެންބަރުން އާސަންދަ ސްކީމުން ބޭރުވެ މިފަދަ އިންޝުއަރެންސެއް ނެގުމުން ދިވެހި ދައުލަތަށް ހަރަދު ކުޑަވާނެ ކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮންމެ މެންބަރެއްގެ އިންޝުއަރެންސަށް ދައުލަތުން ދައްކަނީ އަހަރަކު 24،000 ރުފިޔާއެވެ. އަދި އޭގެ އިތުރަށް މެންބަރުންގެ އިންޝުއަރެންސަށް ދައުލަތުން އިތުރު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ޚަރަދު ކުދަކުރުމަށް ރައްޔިތުންގެ މަޖިލީހުން ރައްޔިތުން އެދޭ ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން މިހާރު ހުށަހަޅާފައިވާ ޕެޓިޝަނަށްވެސް ވަރަށް ތާއީދުކުރައްވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދެމެދު ފިތުނަފަސާދަ އުފެދޭނެގޮތަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ ހިތާމަ ހުރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް