ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ސިންގަޕޫރު ދިދަ ޖަހާފައިވާ ބޯޓެއް ފައްތާލުމާ ގުޅިގެން އޭގެ ކޮންޓޭނަރުތަކުން އެންމެ ފަހުގެ އައިފޯނާއި އަގުބޮޑު ސެންޓުފުޅިތައް އީރާނުގެ ގޮނޑުދޮށަށް ލައްގަން ފަށައިފިއެވެ.
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި މި ބޯޓަށް ހަމަލާދީ އަޑިއަށް ފައްތާލާފައި ވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދުބާއީން ފުރައިގެން ނައިޖީރިއާއަށް ދަތުރުކުރަމުންދަނިކޮށެވެ.
މިބޯޓަކީ ބާޒާރަށް ނުކުމެފައިވާ އައިފޯން 18 ހިމެނޭހެން، ޖުމްލަ 840،000 އައިފޯނާއި، ދުނިޔޭގެ އަގުބޮޑެތި ލަގްޒަރީ ސެންޓުތައް އުފުލަމުންދިޔަ ބޯޓެކެވެ.
ކޮންޓެއިނަރުތައް ފަޅައިގެންގޮސް އޮއިވަރާއެކު ދަތުރުކޮށް މިތަކެތި މިހާރު ވަނީ އީރާނުގެ އައްސޭރިފަށުގެ ގޮނޑުދޮށްތަކަށް ލައްގަންފަށާފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި ގޮނޑުދޮށްތައް މިހާރު ފެންނަނީ އެއްކޮށް އަގުބޮޑެތި އައިފޯނުތަކާއި ސެންޓުފުޅިތަކުން ފުނިޖެހިފައިވާ ތަނެއްގެ ގޮތުގައެވެ.
މި ހާދިސާގައި އެންމެ އަޖައިބުވެރި އަދި ހިނިތުންވުން ގެނެސްދޭ މަންޒަރު ފެންނަމުންދަނީ އެ ސަރަހައްދުގެ އާދައިގެ މަސްވެރިންގެ ފަރާތުންނެވެ. އިއްޔެއާއި ހަމައަށް ކަނޑަށް ނުކުމެ މަސްވެރިކަމުގައި އަވަދިނެތި އުޅުނު އީރާނުގެ ނިކަމެތި މަސްވެރިންނަށް ވަނީ ކަނޑުމަތިންނާއި އެމީހުންގެ ދައުތަކުގައި ޖެހިފައި ހުރި އެންމެ ފަހުގެ ފޯނުތަކާއި ސެންޓުފުޅިތައް ނަގައި އެއްގަންކުރަން ފަށާފައެވެ. އެއާއެކު ކަނޑުގެ ރާޅުތަކާއެކު އޮޔާދިޔަ މި މުދާތައް ވެގެންދިޔައީ އެ މަސްވެރިންނަށް ލިބުނު ތަނަވަސް ނިއުމަތަކަށެވެ.
އަދި މިއީ އެ ސަރަހައްްދުގެ މަސްވެރިކަމުގެ ތާރީހުގައިވެސް މިފަދަ އަޖައިބު ކަމެއް ފެނުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް