ޗައިނާގެ އެންމެ ހަގު އޮލިމްޕިކްސް ކުޅުންތެރިޔާ

ޗައިނާގެ އެންމެ ހަގު އޮލިމްޕިކް ކުޅުންތެރިޔާ

ފްރާންސް ޕެރިސްގައި ބޭއްވުނު އަންހެނުންގެ ސްކޭޓްބޯޑިންގ ޕާކް މުބާރާތުގައި ބައިވެރިވެ، 11 އަހަރުގެ ޖެންގް ހައޯހައޯ ޗައިނާގެ އެންމެ ހަގު އުމުރުގެ އޮލިމްޕިކްސް ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑު ހަދައިފިއެވެ. 2012 ވަނަ އަހަރު ލަންޑަނުގައި ބޭއްވުނު އޮލިމްޕިކްސް ނިމުމުގެ ދެ ދުވަސް ކުރިން އުފަންވި ޖެންގް، މި މުބާރާތުގައި ވަނީ ބްރިޓިޝް ކުޅުންތެރިޔާ ސްކައި ބްރައުންއާ އެކު ވާދަކޮށްފައެވެ.

ޖެންގް ވަނީ ޕްރިލިމިނަރީ ރައުންޑްގައި 63.19 ޕޮއިންޓް ހޯދައި 18 ވަނައަށް ގޮސްފައެވެ. ނަމަވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލުނެވެ. މި މުބާރާތުގެ ފައިނަލްގައި އޮސްޓްރޭލިއާގެ 14 އަހަރުގެ އަރިސާ ޓްރޫ ވަނީ އެއްވަނަ ހޯދާފައެވެ.

7 އަހަރުގައި ސްކޭޓްބޯޑިންގ ފަށައިގަތް ޖެންގްއަކީ އޮލިމްޕިކްސްގެ ތާރީޚުގައި އެންމެ ހަގު އުމުރުގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަމަށްވާއިރު، މި ހަފްތާގެ އާދީއްތަ ދުވަހު އޭނާ 12 އަހަރު ފުރޭނެއެވެ.

އޮލިމްޕިކްސްގެ ސްކޭޓްބޯޑިންގ މުބާރާތްތަކުގައި މިހާތަނަށް ވަނީ ގިނައިން ޒުވާން ކުޅުންތެރިން ބައިވެރިވެފައެވެ. ޕެރިސްގެ މުބާރާތުގައި މެޑަލް ހޯދި ތިން ކުޅުންތެރިންނަކީވެސް ޓީނޭޖަރުންނެވެ. 16 އަހަރުގެ ސްކައި ބްރައުންއާއި 15 އަހަރުގެ ޖަޕާނުގެ ކޮކޯނާ ހިރަކީ ވަނީ ކުރީގެ އޮލިމްޕިކްސްގައި ހޯދި ވަނަތައް މި ފަހަރުވެސް ހޯދާފައެވެ.

މި މުބާރާތުގައި އެންމެ ދޮށީ އުމުރުގެ ކުޅުންތެރިޔާއަކީ 23 އަހަރުގެ ބްރެޒިލްގެ ޑޯރާ ވަރެއްލާއެވެ. ނަމަވެސް ސްކޭޓްބޯޑިންގއަކީ ހަމައެކަނި ޒުވާނުންނަށް ޚާއްސަ ކުޅިވަރެއް ނޫނެވެ. 51 އަހަރުގެ އެންޑީ މެކްޑޮނަލްޑް ވަނީ ފިރިހެނުންގެ މުބާރާތުގައި ބްރިޓިޝް ޓީމަށް ކުޅުމަށް ހޮވިފައެވެ.

އެކްސް ގޭމްސްގައި 8 ރަން މެޑަލް ހޯދާފައިވާ އެމެރިކާގެ ސްކޭޓްބޯޑް ކުޅުންތެރިޔާ މެކްޑޮނަލްޑް މި މެޑަލްތައް ހޯދީ ޖެންގް އުފަންވުމުގެ ކުރިންނެވެ. ނަމަވެސް މި އޮލިމްޕިކްގައި ބައިވެރިވާ އެންމެ ދުވަސްވީ ކުޅުންތެރިޔާއަކީ 65 އަހަރުގެ ސްޕެއިންގެ ޖުއާން އެންޓޯނިއޯ ޖިމެނެޒްއެވެ.

ޖެންގްގެ ނަން އޮލިމްޕިކް ތާރީޚުގައި ރެކޯޑު ކުރެވިގެންދާނީ 1896 ވަނަ އަހަރު 10 އަހަރުގައި ޖިމްނާސްޓިކްސްއިން ބްރޯންޒް މެޑަލް ހޯދި ޑިމިޓްރިއޯސް ލައުންޑްރަސްގެ ފަދަ ކުޅުންތެރިންނާ އެކުގައެވެ. އެހެންނަމަވެސް 1900 ވަނަ އަހަރު ޕެރިސްގައި ބޭއްވުނު އޮލިމްޕިކްގައި 7 ނުވަތަ 8 އަހަރުގެ ކުއްޖަކު ބައިވެރިވެފައިވާކަމަށް ބެލެވެއެވެ.

އަންހެން ކުޅުންތެރިންގެ ތެރެއިން އެންމެ ހަގު އުމުރުގައި ރަން މެޑަލް ހޯދާފައިވަނީ އެމެރިކާގެ މާޖަރީ ގެސްޓިންގްއެވެ. އޭނާ 13 އަހަރުގައި 1936 ވަނަ އަހަރު 3 މީޓަރު ސްޕްރިންގްބޯޑް ޑައިވިންގ އިން ރަން މެޑަލް ހޯދިއެވެ.

ޖެންގްއަށް މިފަހަރު ރަން މެޑަލް ނުލިބުނު ކަމުގައިވިޔަސް، 4 އަހަރު ފަހުން ލޮސް އެންޖަލެސްގައި ބޭއްވޭ އޮލިމްޕިކްގައި ރަން މެޑަލް ހޯދައިފިނަމަ، އެއީ އޭނާގެ 16 ވަނަ އުފަންދުވަހަށް ލިބޭނެ ރީތި ހަދިޔާއަކަށް ވެގެންދާނެއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy