މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކުގެ އިސްމީހާ ކަމަށް ބެލެވޭ މީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރުގައި ހުންނަ ގެއެއް ބަލައިފާސްކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ފުލުހުން ވަނީ 3 ބިދޭސީއަކުވެސް ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ، މުހައްމަދު ރަޝްވާން އައްބާސް (53އ) އެވެ. އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އެއާއެކު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް އެދުނު ނަމަވެސް، މިވަގުތު އޭނާ ދޫކުރެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ބަނގުރާ ވިއްކާކަމަށް ތުހުމަތުކޮށް ހުއްޓުވުނު ދެ މީހަކީ ރަޝްވާންގެ ދެ މުވައްޒަފުން ކަމަށާއި އަދި އެކަން ކުރަނީ އޭނާ ބުނެގެން ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް މައްސަލައިގެ އައިއޯ ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ. އަދި ފުލުހުން ބަލައި ފާސްކޮށްފައިވަނީ އޭނާއާ ގުޅުންހުރި ތަންތަން ކަމަށް އައިއޯ ފާހަގަކުރި ކަމަށް ކޯޓު އަމުރުގައިވެއެވެ.
ރަޝްވާނަށް ކުރާ ތުހުމަތުތަކަށް އޭނާގެ ފަރާތުން ވަނީ އިންކާރުކޮށްފައެވެ. އެތަންތަން ބަލައި ފާސްކޮށްފައިވަނީ ރަޝްވާން އަދި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ހާޒިރުގައި ނޫން ކަމަަށް އޭނާ ވަނީ ބުނެފައެވެ.
މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި ތިން ބިދޭސީންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަލް އަމީން އާއި ޕޮލިން އަދި އެމްޑީ ރަކިބް ހޮސެން އެވެ، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓް