ހަނިއްޔާ އަވަހާރަކޮށްލީ ބޮމަކުން ނޫން، ކުރު ރާސްތާ މިސައިލަކުން - އީރާން

ހަނިއްޔާ އީރާނުގައި ހުންނެވި ގެސްޓް ހައުސް

ހަމާސްގެ ސިޔާސީ ލީޑަރ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ ތެހެރާނުގައި އޭނާ ހުންނެވި ގެސްޓްހައުސްގެ ބޭރުން ފޮނުވާލި "ސޯޓް ރޭންޖް ޕްރޮޖެކްޓައިލް" (ކުރު ރާސްތާ މިސައިލް)  އަކުން ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.

އީރާނުގެ ސިފައިން  ބުނެފައިވަނީ މި މިސައިލުގެ ބަރުދަނުގައި ގާތްގަނޑަކަށް 7 ކިލޯ ހުންނާނެކަމަށާއި، މި  މިސައިލުގެ ސަބަބުން "ވަރުގަދަ ގޮވުމެއް" ހިނގާފައިވާ ކަމަށެވެ. އަދި މި ހަމަލާގައި މިދިޔަ ބުދަ ދުވަހު ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑް އަވަހާރަވެފައިވާކަމަށެވެ.

 ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާންގެ އާ ރައީސް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އޭނާ ހުންނަވާ ގެސްޓް ހައުސް އަށް ވަޑައިގެންތަނާ އެވެ.

އައިއާރުޖީސީން ތުހުމަތު ކުރާގޮތުގައި އިސްރާއީލުން މި އޮޕަރޭޝަން ފަރުމާކޮށް ތަންފީޒުކޮށްފައިވަނީ  އެމެރިކާގެ ފުރިހަމަ ތާއީދު ލިބިގެންނެވެ. ހަނިއްޔާގެ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން އިސްރާއީލުން އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް ހަނިއްޔާ އުޅުއްވި ފަންގިފިލާއަށް އެރި ރޮކެޓް ޝެލްއަކީ އިސްރާއީލުގައި އުފައްދާ ބާވަތުގެ ރޮކެޓް ޝެލްއެއްކަން ތަހުގީގުތަކަށް ވަނީ ހާމަވެފައެވެ.

ހަނިއްޔާ އަވަހާރަކޮށްލީ އިސްރާއީލުންކަން އެމެރިކާ ވަނީ ރަސްމީ ސިފައެއްގައި ހާމަކޮށްފައެވެ. ނަމަވެސް މިޖަރީމާ ހިންގުމަށްފަހު މިކަމަށް އެއްބަސްވެ އިއުތިރާފުވާން އިސްރާއީލު ވަނީ ފަސްޖެހި، ޖެހިލުންވެފައެވެ.

ހަނިއްޔާ އަވަހާރާކޮށްލީ އިސްރާއީލުގެ މޮސާޑްގެ ޖާސޫސުން، ހަނިއްޔާ ހުންނަވާ ގެސްޓްހައުސްގައި ގޮވާތަކެތި ހަރުކޮށްގެން ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނާބުނުން އައިއާރުޖީސީން ދޮގުކުރެއެވެ.

ތަހްގީގުތަކުން މިހާތަނަށް އެނގިފައިވާގޮތުގައި ހަނިއްޔާ އަވަހާރަކޮށްލުމަށް ރާވައި އެކަން ތަންފީޒުކޮށްފައިވަނީ ޒަޔަނިސްޓް އިސްރާއީލުންނެވެ. އަދި ހަމަލާގެ ފަހަތުގައި ވަނީ އިސްރާއީލުކަން ވަނީ ކަށަވަރުވެފައެވެ.

އީރާނުގެ ސިފައިން ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ގެންދާ ގެސްޓް ހައުސްއެއްގައި ހަނިއްޔާ ހުންނަވަނިކޮށް، ހާއްސަކޮށް ސަލާމަތީ ގޮތުން ވަރުގަދަ ދުވަހެއްގައި، ހަމަލާދީ ހަނިއްޔާ އަވަހަރާކޮށްލުމާ ގުޅިގެން އީރާނާއި އައިއާރުޖީސީއަށް ވަނީ ލަދުވެތިކަމާ ކުރިމަތިލާން ޖެހިފައެވެ. އީރާނުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ހަމަލާއެރީ އީރާނުގެ ޖާސޫސީ ފެއިލިއާ އެއްކަމަށް ސިފަކޮށްފައެވެ.

ނިއުޔޯކް ޓައިމްސްގައި ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނިއްޔާ އަވަހާރަވުމާގުޅިގެން، އައިއާރްޖީސީގެ އެތައް އޮފިސަރުންނެއް ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy