ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި މަސައްކަތެއް ކުރަން ޓަވަރަކަށް އަރައިގެން އުޅުނު މީހަކު ވެއްޓި މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެ އެވެ.
ފުލުހުން މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ބުނީ މި ހާދިސާގައި ވެއްޓުނީ އެ ރަށުގައި މަސައްކަތް ކުރާ އުމުރުން 25 އަހަރުގެ އިންޑިއާ އަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު މެންދުރު ފަހު 3:58 އެހާކަންހާއިރެވެ.
ފުލުހުން ބުނީ ޓަވަރުގެ މަތީގައި މަސައްކަތް ކުރަނިކޮށް އެމީހާ ވެއްޓުނީ ގާތްގަނޑަކަށް 25 ފޫޓު މަތިން ކަމަށެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް އޭނާގެ ހާލު މިވަގުތު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް