ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުއިއްޒެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ މިމަހުގެ 14 އިން 15 އަށް ކުރައްވާ ދަތުރުފުޅެކެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދައުވަތު އަރުވާފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ އެވެ. މި ވާހަކަފުޅުތަކުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.
މީގެ އިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ އެވެ.
ކޮމެންޓް