ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތައް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެންމެ އަސާސީ ތިން ބާވަތް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ގިނަ އައު އައިޓަމްތަކެއް ސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެސްޓީއޯ މެދުވެރިކޮށް އެ ތަކެތި ރާއްޖެ ގެނެސް، ހޯލްސޭލަރުންނަށް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންނަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކަށް އެއްވެސް ދައްޗެއް ނެތި ރަސްމީ ރޭޓުގައި ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ދޫކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވުމަށާއި، ހައްޖާއި އުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ ކަންކަން ސަރުކާރުން ބަރާބަރަށް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ޕްރެސްގައި ސައީދު ވަނީ، ބަންކަރިން ހިދުމަތުން އެންމެ ފަހުގެ ރިޕޯޓުތައް ދައްކާ ގޮތުގައި 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން ހާމަކުރައްވާފަ އެވެ. އަދި މިއީ މީގެ ކުރިން ދުވަހަކުވެސް ރާއްޖެއަށް ވަދެފައިވާ ރެވެނިއުއެއް ނޫންކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ.
ކޮމެންޓް