ރާއްޖޭގެ އިމާމުން ހުކުރު ނަމާދާއި އީދު ނަމާދު ކުރާ އިރު ވަކި ޑްރެސްކޯޑެއް ނުވަތަ ހެދުމެއް ތައާރަފުކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިލްމުވެރިންނާއި ހަތީބުން އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ކުރާ އިރު އާންމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިސްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅެއް ކަމަށެވެ.
އެހެންވެ ރާއްޖޭގެ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާކޮށް އެފަދަ ހެދުންކޮޅެއް އިމާމުންނަށް ފަރުމާ ކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިހެން ކަމުން އަޅުގަނޑު އެދެނީ މިފަދަ ފޭރާންކޮޅެއް އިމާމުންނަށް ފަރުމާކުރުމުގައި ތާރީހާއި ސަގާފަތުގެ ފަންނުވެރިން އެހީތެރިކަން ދެއްވުން،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މިގޮތައް ފަރުމާކުރެވޭ ފޭރާންކޮޅަކަށް މިނިސްޓްރީން ތާއިދުކުރާނެ އެވެ.
"މިފަދަ ފޭރާންކޮޅެއް ފަރުމާކުރުމަށް ހުޅުވާލަން ވެސް ވިސްނަން. އިމާމުވެ ނަމާދު ކުރައްވާއިރު ތާކިހާކޮޅު ވެސް ހިމެނޭހެން ތުރުކުރައްވާނެ ޑްރެސް ކޯޑެއް ރާއްޖޭގެ އިމާމުންނަށް އޮތުމަކީ ރަނގަޅުކަމެއް،" ޝަހީމް ވިދާޅުވި އެވެ.
ކޮމެންޓް