އިލްމަކީ ހިކުމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ދީނުގެ އަސާސަކީ މަސްލަހަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އިސްލާމީ ދައުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތައުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން، މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫހަށް ލިބުނު ވަރަށް އާ ބާރެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އަދި މިއީ ގައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، އިސްލާމީ ތާރީހާއި ދިވެހި ތާރީހަށް ބެލި ކަމުގައި ވިޔަސް ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން ކަމަށެވެ.
އިސްލާމްދީން އައިސްފައިވަނީ އިންސާނީ ކަރާމާތް ނަގަހައްޓައި، މުޖުތަމައުގެ އެއްބައިވަންތަކަމާއި، ސުލްހަވެރިކަމާއި އަމާންކަން ދަމަހައްޓަން ކަމަށްވާތީ، ޒުވާން ހަތީބުން ތިމާގެ ދުލާއި ގަލަން ހިންގުމުގައި ހިކުމަތްތެރިކަން އިސްކުރުމަށް ވެސް އެމަނިކުފާނު އިރުޝާދު ދެއްވި އެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ، މިއަދު ފެންނަ ޒުވާން ހަތީބުންނަކީ މާދަމާ ރާއްޖޭގެ އިލްމުވެރީންނާއި، ވިސްނުންތެރީންނާއި، ހިކުމަތްތެރީންގެ އިތުރުން ކުޅަދާނަ ބަސްމޮށުންތެރީންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ.
ކޮމެންޓް