ބަނގްލަދޭޝްގެ ޑާކާގައި ރިކްޝާދުއްވާ މީހުން
ޖުލައި 19 ވަނަ ހުކުރު ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މެދު ސަރަހައްދެއް ކަމަށްވާ މައުޗަކްގައި ވަނީ ވަރަށް ބޮޑު ހަލަބޮލިކަމެއް އުފެދިފައެވެ. މަގުތަކުގައި ވަނީ އެތައް ހާސް މީހުންނެއް އެއްވެފައެވެ. އަދި އޭގެ ކުރީ ދުވަހު ހިނގައިދިޔަ މަރުގެ ހާދިސާތަކާ ގުޅިގެން މީހުންގެ ރުޅިވެރިކަންވަނީ އިތުރަށް ބޮޑުވެފައެވެ. ފުލުހުންގެ އަނިޔާވެރި ޢަމަލުތަކާއި، ވެރިކަން ކުރާ އަވާމީ ލީގު ޕާޓީގެ އެކްޓިވިސްޓުންނާ ދެމެދު ހިނގި ހަމަނުޖެހުމުގެ ސަބަބުން އެތައް ދަރިވަރުންނެއް މަރުވެ، އެ ސިޓީ ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިވެފައެވެ.
ހުކުރުދުވަހުގެ ހުކުރު ނަމާދު ވަގުތުވަނީ ކައިރިވެފައެވެ. އެވަގުތު އެތަނުގެ މާހައުލު ވަނީ ހަމަނުޖެހުމުން ފުރިފައެވެ. ފުލުހުންގެ ބާރު ދަށްވެ، އަދަދުން ވަނީމަދުވެފައެވެ. ހަޅުތާޅުކުރަމުންދާ މީހުން ގާއުކަމުންދާތީ ފުލުހުންގެ ސަފުތަށްވަނީ ފަހަތަށް ޖެހިފައެވެ. އަދި އިތުރަށް ހަލަބޮލިވަމުންދާ މާހައުލުގައި ކޮންޓްރޯލް ހިފެހެއްޓުމަށްޓަކައި ކަރުނަ ގޭހާއި އަޑުގަދަ ގްރެނޭޑްތަށްދިޔައީ ބޭނުންކުރަމުންނެވެެ.
ރިކްޝާ ދުއްވާ ބަޔަކަށް ވަނީ ނޭނގި މި ހަމަނުޖެހުމުގެ ތެރެއަށް ވަދެވިފައެވެ. އެމީހުންނާ ދިމާއަށް ކަރުނަ ގޭހުގެ ޝެލްއެއް އައުމުން، އެމީހުން އަވަސް އަވަހަށް ކައިރީގައިވާ މަޝްހޫރު މަގެއްކަމަށްވާ މަލިބާގް ސަރކަލް އަށް ފަހަތަށް ޖެހިފައެވެ. އެމީހުން ފަހަތަށް ޖެހެމުން ދިޔައިރު، ވެރިންނާ ދެކޮޅަށް އަޑުގަދަކޮށް ހަޅޭއްލަވަމުން ދިޔައެވެ. "އަހަރެމެން [ރިކްޝާ ދުއްވާ މީހުންނަށް] އެއްވެސް ކަމެއް ވެއްޖެނަމަ، ކޮންމެ ގެއެއްގައިވެސް އަލިފާން ރޯކުރާނަން!"
އެމީހުންގެ ތެރޭގައި ހިމެނޭ އެކަކަކީ ކުމިއްލާ ޑިސްޓްރިކްޓުން އައިސްފައިވާ ޝާހީނެވެ. ކުމިއްލާ ޑިސްޓްރިކްޓަކީ އެތަނުން ގާތްގަނޑަކަށް 180 ކިލޯމީޓަރު (112 މޭލު) ދުރުގައިވާ ތަނެކެވެ.
"އެއީ ވަރަށް ބިރުވެރި މަންޒަރެއް" އޭނާ ކިޔައިދިނެވެ. އޭނާގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ. އެ ހަނދާންތަށް އޭނާގެ ހިތުގައި ސާފުކޮށް ހުއްޓެވެ. "ފުލުހުން މުޒާހަރާކުރާ މީހުންނާ ދިމާލަށް ބަޑިޖަހަމުން ދިޔަ. އަދި މުޒާހަރާކުރާ މީހުން ގައު އުކަމުން ދިޔަ. އަޅުގަނޑަށް ސަލާމަތްވެވުނީ ދުށްވުނުހާ ބާރަކަށް ރިކްޝޯ ދުއްވައިގެން."
ނަމަވެސް، ރިކްޝޯ ދުއްވާ މީހުން ހަމައެކަނި ސަލާމަތްވީއެއް ނޫނެވެ. ބަންގްލަދޭޝްގެ އެންމެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކުގެ ތެރެއިން އެމީހުން އެހެން މީހުންގެ ފުރާނަ ސަލާމަތްކުރިއެވެ. ސަރުކާރުގެ ވަޒީފާތަކުގައި ކޯޓާ އިޞްލާޙު ކުރުމަށް ދަރިވަރުން ފެށި މުޒާހަރާއެއް، މުޅި ޤައުމަށް ފެތުރުނު ބޮޑު ހަލަބޮލިކަމަކަށް ބަދަލުވެގެން ދިޔައެވެ. މިކަން މިހެން ވެގެން ދިޔައީ އިތުރުވަމުންދިޔަ އަނިޔާވެރިކަމާއި ސަރުކާރާ ދޭތެރޭ އޮތް ނުރުހުންތަކުގެ ސަބަބުންނެވެ. ޖުލައި 16 އިން 20 އަށް، އެންމެ ފަސް ދުވަހުގެ ތެރޭގައި، ބަންގްލަދޭޝް ވަނީ ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މުޅި ޤައުމުގައި ފެތުރުނު މުޒާހަރާތަކާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން ގެންގުޅުނު ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މަދުވެގެން 197 މީހުން މަރުވިއެވެ.
ޖުލައި 18 ވަނަ ދުވަހު މުޒާހަރާކުރި ގިނަ އަދަދެއްގެ މީހުން މަރުވުމާ ގުޅިގެން ހަލަބޮލިކަން އިތުރުވެގެން ދިޔައެވެ. އެހެންކަމުން، ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން، ޓެރަރިސްޓް ޙަރަކާތްތަކުން ޑޭޓާ ސެންޓަރުތަކާއި އައިއެސްޕީ ކޭބަލްތަކަށް އަމާޒުކޮށްގެން ކަމަށް ބުނެ އިންޓަނެޓް ކަނޑާލިއެވެ. އަދި ޖުލައި 19 ވަނަ ދުވަހު އަލުން ހިނގި އަރައިރުންތަކުގައި މަދުވެގެން 56 މީހުން މަރުވުމާ ގުޅިގެން، މުޅި ޤައުމަށް ކަރްފިއު ޖެހިއެވެ. މި ހަފްތާގައި އެ ކަރްފިއު ލުއިކުރަން ފެށިއެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ވެސް، ރަށުގެ ހިތްވަރުގަދަ ރިކްޝޯ ދުއްވާ މީހުން މަގުމަތީގައި ތިބެ މަސައްކަތްކުރިއެވެ.
'އަޅުގަނޑު އެއްވެސް ކުއްޔެއް ނުނަގަން'
އާންމު ދުވަސްތަކުގައި ގާތްގަނޑަކަށް 400,000 އިން 600,000 ރިކްޝޯ ރަށުގެ މަގުތަކުގައި ދުއްވައެވެ. މުޒާހަރާތަކާއި، ވިޔަފާރިތައް ބަންދުކުރުމާއި، އޭގެ ފަހުން ގަދަކަމުން ތަންފީޒުކުރި ކަރްފިއުގެ ސަބަބުން އެމީހުންގެ އާމްދަނީއަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. ޝަހީންގެ އާމްދަނީ 150 ޓަކާ (1.28 ޑޮލަރު) އަށް ދަށްވިއެވެ. އާންމު ގޮތެއްގައި އޭނާ ދުވާލަކު 800-1000 ޓަކާ (6.8 އިން 8.5 ޑޮލަރު) ހޯދައެވެ. މިއީ ރިކްޝޯގެ ވެރިފަރާތަށް ދައްކަންޖެހޭ 120 ޓަކާ (1 ޑޮލަރު) ގެ ކުލި ދެއްކުމަށް ވެސް ފުދޭވަރެއް ނޫނެވެ.
ނަމަވެސް، މަގުމަތީގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ގޭގައި މަޑުކޮށްގެން ތިބުމަކީ އޮތް ގޮތެއް ނޫނެވެ."ބަނޑުހައިހޫނުކަމުން މަރުވާން ޖެހޭއިރު ބިރުގަތުމުގެ ބޭނުމަކީ ކޮބައިތޯ؟" މިހެން ސުވާލުކުރީ ޝަހާބުއްދީން ނަމަކަށް ކިޔާ ޒުވާން ރިކްޝޯ ދުއްވާ މީހެކެވެ. އޭނާގެ ބައްޕަ ނިޔާވުމަށްފަހު އޭނާގެ މަންމައާއި އެއްބަނޑު އެއްބަފާ މީހަކު ބަލަހައްޓަމުން ދަނީ އޭނާއެވެ.
އުތުރުގެ މެހެންދިގަންޖު ސަރަހައްދުން ސުވާޕަން ނަމަކަށް ކިޔާ ރިކްޝާ ދުއްވާ މީހަކު، ދެކުނު ދާކާގެ ބަނާސްރީ ސަރަހައްދުގައި ވަޒަން ޒަޚަމްވެފައިވާ މީހަކު އުފުލިއެވެ. "އަހަރެން އޭނާ ގޯރަން ޓެމްޕޯ ސްޓޭންޑަށް ގެންދިޔައިން، އެކަމަކު އޭނާގައިން ވަރަށް ބޮޑަށް ލޭހުސްވެފައި އޮތީ" ސުވާޕަން ކިޔާދިނެވެ. "އަހަރެން އޭނާގެ އެކުވެރިންނަށް އިރުޝާދު ދިނިން އޮޓޯރިކްޝާއެއް ހޯދައިގެން އަވަހަށް ހޮސްޕިޓަލަށް ގެންދަން، އަހަރެން މިދަތުރަށް އެއްވެސް އަގެއް ނުނަގަން."
މުޙައްމަދުޕޫރުގައި، ކާސިމް ނަމަކަށް ކިޔާ ރިކްޝާ ދުއްވާ މީހަކު، މަދުވެގެން ފަސް ފަހަރު ކައިރީގައިވާ ހޮސްޕިޓަލްތަކަށް ޒަޚަމްވެފައިވާ ދަރިވަރުންނާއި އާންމު ރައްޔިތުން އުފުލިއެވެ. "މީހުން ދަނޑިތައް ހިފައިގެން އުޅުނު އަދި ގައު އުކަމުން ދިޔަ، އެކަމަކު ފުލުހުން ދިޔައީ އެމީހުންނާ ދިމާލަށް ބަޑިޖަހަމުން، އެތައް ބަޔަކު ޒަޚަމްވި، އެމީހުން ހޮސްޕިޓަލްތަކަށް އުފުލަން ނިންމީ އަހަރެން އަމިއްލައަށް" އޭނާ ބުންޏެވެ.
ޝަހާބުއްދީން ފަދައިން، ކާސިމް ވެސް ބުނީ އޭނާގެ ޢާއިލާ ބަރޯސާވަނީ އޭނާގެ ދުވަހުގެ އާމްދަނީއަށް ކަމަށްވާތީ، ގެއިން ނުނިކުމެ ތިބެވެން ނެތް ކަމަށެވެ. އެހެންނަމަވެސް ނުކުތުމުގައި ނުރައްކާތެރިކަން އޮތްކަން އެނގޭކަމަށް ބުންޏެވެ. ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި، ސިޓީގައި އަދިވެސް ހަލަބޮލިކަން އޮތްއިރު، ޝަހާބުއްދީނަށް ލިބިފައިވަނީ އެންމެ 50 ޓަކާ (0.43 ޑޮލަރު) އެވެ. އެއީ އޭނާގެ ރިކްޝާގެ ކުއްޔަށްވުރެވެސް މަދު އަދަދެކެވެ.
އޭނާ ކިޔައިދިނީ ބަނަސްރީގައި ހިނގި ބިރުވެރި ހާދިސާއެއްގެ ވާހަކައެވެ. އެތަނުގައި ހޯމަ ދުވަހު ހިނގި އަނިޔާވެރި ހަމަނުޖެހުމެއްގައި އޭނާ ޖެހުނު ވާހަކައެވެ. އެހެން ރިކްޝާ ދުއްވާ މީހުން އައިސް އެހީތެރިވެގެން ނޫނީ އޭނާ ސަލާމަތް ނުވީސްކަމަށް އޭނާ ބުންޏެވެ."ފުލުހުންނާއި ވެރިކަންކުރާ ޕާޓީގެ އެކްޓިވިސްޓުން ބަޑި ޖަހަމުންދިޔައިރު އަހަންނަށް ހުރެވުނީ މަގުމެދުގަ. ރިކްޝާގެ ވެރިފަރާތަށް ބޮޑު އަދަދެއް ދައްކަން ޖެހޭނެތީ ރިކްޝާ ދޫކޮށްލެވޭކަށް ނެތް. ކުއްލިއަކަށް އެހެން ރިކްޝާ ދުއްވާ މީހުންތަކެއް އައިސް އަހަރެން ސަލާމަތްތެރި ތަނަކަށް ގެންގޮސްދިނީ." މިބިރުވެރިކަމާއި ވަރުބަލިކަމުން އޭނާއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ޖަހާންގީރު ނަމަކަށްކިޔާ ރިކްޝާ ދުއްވާ މީހެއް، މުޒާހަރާތައް ހިނގަމުންދިޔަ ތިން ދުވަހު މަގުމަތީގައި ހަރަކަތްތެރިވެފައެވެ. އެތަށް ގަޑިއިރެށް ވަންދެން ޕެޑަލް ޖަހައި، ކަރުނަގޭސް އަދި ވަޒަންތަކުން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ސަބަބުން އޭނާ ވަނީމުޅިން ވަރުބަލިވެ، ހިތްވަރު ދެރަވެފައެވެ. "އަހަރެންގެ މޫނުގައި އަލިފާން ރޯވެފައިހުރިކަހަލަ، ލޮލުން ކަރުނަތަށް އޮހޮރެމުންދިޔަ" އޭނާ ބުންޏެވެ.
މިހާރު މި ހަމަނުޖެހުން ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށް ޝާހީންނަމަކަށްކިޔާ ރިކްޝާ ދުއްވާ މީހަކު ބުންޏެވެ. "މިކަން މިހެން ދާއިމީކޮށް ކުރިއަށް ނުގެންދެވޭނެ، އަހަރެމެންފަދަ އާންމު ރަށްޔިތުންގެ ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފައި. އަހަރެމެން ބޭނުންވަނީ އަމާންކަން."
ކޮމެންޓް