މިއަހަރުގެ ހައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.
އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދުގެ އިސްބޭފުޅެއް ކަމަށްވާ އޮޕަރޭޝަންސް މެނޭޖާ އުމަރު އަބްދުލްމަޖީދު އާރް. އައްދައީޖު ވަނީ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މައްކާ ރޫޓޫ އިނީޝިއޭޓިވްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު 18 ބޭފުޅުން މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ހައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސައުދީން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމަނާފައިވަނީ މިދިޔަ އަހަރު އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖުވެރިން ސައުދީއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަން ފާހަގަ ކޮށްލެވެ އެވެ.
އެގޮތުން ދިވެހި ހައްޖުވެރިން ސައުދީއަށް އެތެރެވުމުގެ ކުރިން އެ ގައުމުގެ އިމިގްރޭޝަން ނިމޭއިރު، ހައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ހައްޖުވެރިން ތިބޭ ހޮޓަލާއި ހަމައަށް ގެންގޮސްދެ އެވެ.
އެހެންކަމުން ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ހައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެ އެވެ.
ކޮމެންޓް