މުނިފޫހިފިލުވަން އަތަށްދޭ ވަސީލަތްތަކުން ކުދިންނަށް އިއާދަ ނުކުރުވޭ ބޮޑެތި ނުރައްކާ ކުރިމަތިވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން، ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ޒަމާނީ ތައުލީމާއި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކުރުމަށް ކުޑަކުދިންގެ އަތަށްދޭ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިއާދަ ނުކުރެވޭ ބޮޑެތި ނުރައްކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ޓަކައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންޓަނެޓާއި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށް ޓަކައި، ބެލެނިވެރިންނާއި މުދައްރިސުން އައު ވިސްނުންތަކާއެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތައުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ހިތާބުގައި ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށާއި ޒިންމާދާރު ބައެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ގާބިލްކަން ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެއްވެސް ކުޑަކުއްޖެއްގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި އަމަލަކަށްވެސް ޖާގަ ނުދިނުމަކީ އަދާ ކުރަންޖެހޭ ޒިންމާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި ފެންވަރު ރަނގަޅު ތައުލީމް ކަށަވަރުކޮށްދެއްވުމަށް ކަމުގައި، އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރެއްވި އެވެ.
ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ދަނީ ކަށަވަރުކުރަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް