ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ޕާޓީ، (ޕީއެންއެފް) އިން މާލޭގައި ކުރިއަށް ގެންދާ މަގުމަތީ ހަރަކާތްތަކުގެ އަޑު ކަނޑުވާލަން ވެރިކަން ކުރާ ޕީއެންސީން މަސައްކަތް ކޮށްފާނެ ބާވައެވެ.
ޕީއެންއެފްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ރައީސް ޔާމީންގެ ކުރީގެ ލޯޔަރު އާދަމް އާސިފް ވިދާޅުވީ މިސަރުކާރަށް ފާޑުކިޔާ އަޑު ދުއްވާ މީހުންނަށާއި އެ ސަރަހައްދުގެ މީހަކަށް އިވުނަ ނުދިމަށް ބައެއް ރޭރޭ ލައުޑް ސްޕީކަރު ނެރެ ލަވަ ޖަހަމުން ގެންދާ ކަމަށެވެ.
"ޕާޓީގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ މަޖީދީ މަގު ނިމޭ ކޮޅުގެ އާޓިފިޝަލް ބީޗު ސަރަހައްދުގަ. އެ ވަގުތާ ދިމާކޮށް ލައުޑް ސްޕީކަރު ނެރެ މައުންޓްކޮށްގެން ބާރަށް ލަވަ ޖަހަނީ އެ ސަރަހައްދަށް އަންނަ މީހުންގެ ކަންފަތަށް އެ އަޑުތައް އިވުނަ ނުދޭން. އެކަމަކު މިކަމެއް ނުހުއްޓުވޭނެ،" އާސިފް ވިދާޅުވި އެވެ.
ޕީއެންއެފްގެ ސަޕޯޓަރުން މިދިޔަ ހަފުތާގައި މަގުމަތީގެ ހަރަކާތް ބޭއްވީ މަޖީދީ މަގުގެ އިރުމަތީ ކޮޅުގަ އެވެ.
އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ސޯފާތަކެއްގައި ޕީއެންއެފްގެ ސަޕޯޓަރުން މަޑުކޮށްލައިގެން ތިބެ، އަޑުގަދަ ކުރާއިން އެމީހުންގެ ޝުއޫރުތައް ފާޅު ކުރަމުން ގެންދިޔައިރު ޕީއެންސީ ހަރުގޭގެ ދެ ފަރާތުގައި ބަހައްޓާފައި ހުރި ސްޕީކަރުން ބާރަށް ސިޔާސީ ލަވައެއް ޖަހަމުން ގެންދެ އެވެ.
ހާއްސަ ކަމެއް ނެތިއްޔާ ނޫނީ އެ ހަރުގެއަކީ އާންމު ގޮތެއްގައި ބޭރަށް ސްޕީކަރު ނެރެގެން މީހުންނަށް އުނދަގޫވާ ގޮތަށް ބާރަށް ލަވަ ޖަހާ އަޑުގަދަ ކުރާ ތަނެއް ނޫންކަން ފާހަގަ ކުރެވެ އެވެ. އެކަމަކު، އެރޭ ލަވަ ޖަހަމުން ގެންދިޔައިރު ހަރުގެ ތެރޭގައި ހުރި ގޮނޑިތަކުގައި އިށީނދެލައިގެން ތިބީ ޕާޓީގެ މަދު މެންބަރުންކޮޅެކެވެ. އެތެރެ އޮތީ ވަރަށް ހަމަހިމޭން ކޮށެވެ.
އާސިފު ވިދާޅުވީ އެހެނިގެން ގޮތްގޮތުން ވެސް ބައެއް ފަހަރު މެންބަރުންނަށް ބިރުދެއްކުމާއި ޖެއްސުން ކުރުމުގެ އަމަލުތައް ހިންގައި ކަމަށާއި އެގޮތުން ޕާޓީގެ ހަރަކާތްތަކާއި ޖަލްސާތައް ބޭއްވުނަ ނުދޭން ވެސް ހުރަސް އަޅައިފައި އެބަހުރި ކަމަށެވެ.
"ކައިރިއަށް ހުއްޓިފައި އިންޒާރު ދީ ހަމަލާ ދޭން މަސައްކަތް ކޮށްފައި އެބަހުރި. އަހަރެމެން މި ބަލަނީ އެއީ އެމީހުން ފޮނުވައިގެން އަންނަ މީހުން ކަމަށް. މޭޔަރަށް ވެސް ހަމަލާ ދިނީތަ. މިކަން ވިޔަ ނުދޭން ފޮށިތަކުން ކަރަންޓު ކެނޑުން ކަހަލަ ވަރަށް ގިނަ ޖެއްސުން އެބަ ކުރޭ،" އޭނާ ވިދާޅުވި އެވެ.
ޕީއެންއެފްގެ މިދިޔަ ހަފުތާގެ މަގުމަތީ ހަރަކާތް އޮތް ގަޑިއާ ދިމާވާ ގޮތަށް ހަރުގެއިން އަޑުހަރުކޮށް ލަވަ ޖަހަމުން ގެންދިޔަ އިރު، އެ ތަނާ ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ދުރުގައި ސޯފާތަކެއް ބަހައްޓައިގެން ތިބެ ހަރަކާތުގެ ބައިވެރިން އަޑުގަދަ ކުރާއިން ގެންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ވަގަށް ގޮވާ، އިސްތިއުފާ އަށް ގޮވަމުންނެވެ.
އާޓިފިޝަލް ބީޗު ސަރައްދުގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި ޕީއެންއެފްގެ މަގުމަތީ ހަރަކާތްތަކުގެ ކުރީ ސަފަށް ބައެއް ރޭރޭ ނުކުމެ ހުންނަ މީހަކު ކަރުން ނާރު ފުއްޕާފައި ސިޔާސީ ގޮވެލިފަތި ގޮވަމުން ގެންދާއިރު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަ ދައްކައި އަދި މި ސަރުކާރާ މެދު އާންމުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ކަމަށެވެ.
ކޮމެންޓް