ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރަން ދާ ދިވެހި ހައްޖާޖީންނަށް ފަސޭހަ ކުރުމަށް ޓަކައި މިއަހަރު މުޅިން އަލަށް ހަތަރު ބަގީއެއް ބޭނުން ކުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިއަހަރު ހައްޖާޖީންނަށް ފޯރޮކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބަގީގެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިއަހަރު މުޅިން އަލަށް ހަތަރު ބަގީއެއް ހައްޖު ކޯޕަރޭޝަނުން ބޭނުން ކުރާނެ އެވެ. އަދި ހައްޖު ވެރިންނަށް ފަސޭހަ ކުރުމަށް ޓަކައި މީގެން ކޮންމެ ބަގީއެއްގައި ވެސް ހައްޖު ކޯޕަރޭޝަންގެ ނަމާއި ލޯގޯ ވަނީ ލޭބަލް ކުރެވިފަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި ހައްޖާޖީން ހަރަމަށް ގޮސް އެނބުރި ހޮޓަލަށް އައުމުގައި ވެސް މި ބަގީތައް ބޭނުން ކުރެވޭނެ އެވެ.
ހައްޖު ކޯޕަރޭޝަނުން ހައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ބަގީގެ ހިދުމަތަކީ ވަރަށް މުހިންމު ހިދުމަތަކަށް ވާއިރު އެ ކޯޕަރޭޝަންގެ ހަވާލުގައި އުމްރާ އަދި ހައްޖަށް ދާ ހައްޖާޖީންނަށް އެ ހިދުމަތް ފޯރުކޮށްދެމުން ގެންދެ އެވެ.
ދިވެހި ހައްޖުވެރިންނަށް މައްކާގައި ހިދުމަތް ދިނުމަށް ޓަކައި ހައްޖު ކޯޕަރޭޝަނުން ވާން ޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަނީ ނިމިފަ އެވެ.
މި އަހަރު ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވޭނެ އަހަރަކަށް ކަމުގެ ޔަގީންކަން ހައްޖު ކޯޕަރޭޝަނުން ދީފައިވެ އެވެ.
ކޮމެންޓް