ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް އިގުތިސާދީ ނަފާ އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ސްރީލަންކާ ބާޒާރަށް މިފްކޯގެ "ފަސްމީރު ބްރޭންޑް" ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް އިގުތިސާދީ ނަފާ އިތުރުކުރުމަށް ޓަކައި ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
އެގޮތުން ރައީސްގެ ހަރުދަނާ އިރުޝާދުގެ ދަށުން، މަހުގެ އުފެއްދުންތަކަށް އަގު އެއްކުރުމާ އެ ސިނާއަތަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ލަންކާގެ މާކެޓަށް މިފްކޯގެ ދަޅު މަސް ނެރުމަކީ ވެސް ރައީސްގެ ދުރު ވިސްނޭ ތަސައްވުރުގެ ފޮނި މޭވާ ކަމަށާއި މީގެ ސަބަބުން ދިވެހި މަހުގެ އުފެއްދުންތައް ސީދާ ލަންކާގެ ބާޒާރަށް ތައާރަފުވެ، ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަކީ އަބަދުވެސް ލަންކާގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު އުފެއްދުންތަކެކެވެ.
ކޮމެންޓް