ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނާއަކުން ފެނުނު ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ބުނެފި އެވެ.
އެޗުޕީއޭއިން ކުރި އެކްސް ޕޯސްޓެއްގައި ބުނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނާއަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއަށް މި ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
އެޗުޕީއޭއިން ބުނީ މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.
މިއީ މީދަލުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މި ބަލި އާންމުގޮތެއްގައި އިންސާނުންނަށް ޖެހެން މެދުވެރިވަނީ ބަލި ޖެހިފައިވާ މީދަލުގެ ކުޑަކަމުދާ ތަކެއްތާއި ނަޖިސް ނުވަތަ ކުޅު ފަދަ އެއްޗެއްގައި ބީހިގެން ނޫނީ އެތަކެތީގެ ވަސް ނޭވާލާ ނިޒާމުން އެތެރެއަށް ދިއުމުންނެވެ. ނަމަވެސް މިއީ އާންމުކޮށް އިންސާނުންގެ މެދުގައި ފެތުރޭ ބައްޔެއް ނޫންކަން ފާހަގަ ކުރެވިފައިވެ އެވެ.
ކޮމެންޓް