ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދާ ކުރިއަށް އޮތް ހަ މަސް ތެރޭ ޑީޕޯޓު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ސައްހަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓުގައި މިވަގުތު ރާއްޖޭގައި ގާއިމުވެ ތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ވަނީ ނަގާ ނިމިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ އެންމެ 13 ޕަސެންޓުގައި ކަމަށެވެ.
"ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ހާއްސަ މަސައްކަތްތައް،" އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ކުދި ކުށްތަކުން ފެށިގެން އެންމެ ބޮޑެތި ކުށްތަކުގެ ތެރެއަށް ވަދެ، ރަށު ތެރޭގައި މާރާމާރީ ހިންގުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާ ވައްކަމާއި ފޭރުމާއި ބަދުއަހުލާގީ އަމަލު ހިންމުގައި ވެސް ބިދޭސީންގެ ބައިވެރިވުން ބޮޑެވެ.
ކޮމެންޓް