ދިވެހި ގައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަހުރުވެރި މަގާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހި ގައުމު މިނިވަންކަމާއެކު މިއަދާ ހަމައަށް ގެނެސްދީފައި ވަނީ ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، ސަލާމަތްތެރިކަމާއެކީގައި ހިމާޔަތްކޮށްދީ، ދަމަހައްޓައިދެނީ އަމިއްލަ ނަފުސަށްވުރެ ގައުމު އިސް ކޮށްގެން ސިފައިން ކުރާ ބުރަ މަސައްކަތުންކަމުގައި ސިފަ ކުރައްވާ، ސިފައިންގެ ކޮންމެ މީހެއްގެ ކުރިއެރުން ވެސް މުހިންމުކަމުގައި ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ދިވެހި ސިފައިންގެ ކުރިއެރުމާއި ލާބައަށް ޓަކައި ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަން ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން، ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ އެއް ހައްގަކަށް ވާހިނދު، ދިވެހި ސިފައިންނަށް ވެސް މި ހައްގު ފުރިހަމަވާން ޖެހޭ ކަމަށާއި، ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ އަދަދު އިތުރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފަ އެވެ.
ހަމަމިއާއެކު، ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ހިދުމަތް ކުރަމުންދާ ސިފައިންނަށް، އެއް ރޭންކުގައި ވަކި މުއްދަތެއް ވިއަސް، މިހާރު އޮތް ގަވާއިދުގެ ތެރެއިން ލިމިޓޭޝަން ހަމަވާ ގޮތަށް އޮތް އޮތުން ބަދަލު ކުރައްވައި، ސިފައިންގެ ހިދުމަތުގައި ދެމި ހުރެވޭނެ ގޮތަށް ބަދަލު ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ސިފައިންގެ ކޮންމެ މީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ގާއިމު ކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް