ފަސް ވަނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުން ރާއްޖޭގެ ފަންނާނުންނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން މާދަމާ ރޭ ހާއްސަ ހަފުލާއެއް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)އިން މި ހަފުލާ ބާއްވަން ހަމަޖެހިފައިވަނީ އިންޑިއަން ކަލްޗަރަލް ސެންޓަރާއި ގުޅިގެން އެ ސެންޓަރުގަ އެވެ.
އެ ހަފުލާގައި ދެ ވަނަ އެކްޓިން ވޯކްޝޮޕް އިއުލާނުކޮށް، ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު އެވޯޑްސްއިން އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކަށް އެ އެވޯޑުތައް ހަވާލުކުރުން އޮންނާނެ އެވެ.
ފަސް ވަނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ރާއްޖޭގެ ދެ ފިލުމަކަށް އެވޯޑު ލިބިފައިވެ އެވެ.
އެގޮތުން ކިޑް ޕްރޮޑަކްޝަންއާ ސެޓާން ސްޓޫޑިއޯއިން އުފެއްދި ފިލްމު "ކަމަނަ"އަށް ވަނީ ތިން ކެޓަގަރީއަކުން އެވޯޑު ލިބިފަ އެވެ.
މީގެ އިތުރުން މުހައްމަދު އަލީ އަދި އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ "ނޮވެމްބަރު" ފިލުމަށް ވެސް ވަނީ އެވޯޑު ލިބިފައެވެ. އެ ފިލްމަށް ލިބިފައިވަނީ އެންމެ މޮޅު ސިނަމޮޓޯގްރަފީ އެވޯޑެވެ. އެ އެވޯޑަކީ ޖޮއިންޓު އެވޯޑެކެވެ.
މި ފެސްޓިވަލްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހާސިލުކުރީ "ކަމަނަ" ގެ ޑައިރެކްޓަރު ހުސެން މުނައްވަރު އެވެ. މީގެ އިތުރުން، އެ ފިލްމުގެ ބަތަލާ މަރިޔަމް އައްޒަ އަށް އެންމެ މޮޅު ލީޑް އެކްޓްރެސްގެ އެވޯޑު ލިބިފައިވާއިރު، އެންމެ މޮޅު ލީޑް އެކްޓަރުގެ އެވޯޑު ހާސިލުކުރީ ފިލްމުގެ ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.
އިންޑިއާގެ ނަވާ ކަރުނާޓަކާ ފިލްމު އެކަޑަމީން އިންތިޒާމުކުރާ މި ފެސްޓިވަލަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ފިލްމުތަކާއި ޑޮކިއުމެންޓްރީތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ ބައިނަލްއަގުވާމީ ހަރަކާތެކެވެ.
ކޮމެންޓް