އަތޮޅުތެރޭގެ ރަށެއްގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ޓަކައި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް ހާދިސާ ހިނގި ރަށުގައި މިހާރު ހަރަކާތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން، ހަގީގަތާ ހިލާފު ވާހަކަތަކާއި، ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، ކަށަވަރުނުވާ މައުލޫމާތަށް ބަރޯސާނުވުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކުރެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވުމާއެކު، އެ ކުއްޖާގެ ޒާތީ މައުލޫމާތު ހިފެހެއްޓުމަށާއި، ކުއްޖާގެ ކަރާމާތާއި ހައްގުތަކަށް އިހުތިރާމް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.
އެގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ހިއްސާ ނުކުރުމަށް ފުލުހުން އެދިފައިވެ އެވެ.
ކޮމެންޓް