ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި އަހުމަދު އާދަމް، (ޕީޓްރަލް އަހުމަދުބެ) ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިފާ ވިދާޅުވެއްޖެ އެވެ.
ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކާބޯތަކެތީގެ ހިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަހުމަދު އާދަމް (ޕީޓްރަލް އަހުމަދުބެ) އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް އަދި މައްޗަންގޮޅީގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިހުލާސްތެރިކަމާ އެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.
"އެއީ، ހިތްޕުޅު ހެޔޮ، ހުލްގު ރަނގަޅު ބޭފުޅެއް. ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަހުސިއްޔަތެއް. މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި،" ރައީސްގެ ޕޯސްޓުގައިވެ އެވެ.
ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބޮޑެތި އެހީތަކެއް ވެދެއްވި ކަމަށާއި ލޮނުމަސް އެޅުންފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް ހަތްދިހައިގެ އަހަރުތަކުން ފެށިގެން ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީޓްރަލް އަހުމަދުބެ، އަކީ މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮޓެލް ޕީޓްރަލް އުފެއްދި ފަރާތް ކަމަށާއި ކޭޓަރިން ދާއިރާގައި، ހާއްސަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ހިދުމަތް ދެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ މެސެޖު ނިންމަވައިލައްވަމުން މަރުހޫމް އަހުމަދު އާދަމް ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެހެއްޓެވުން އެދި ދުއާ ދަންނަވާފައިވެ އެވެ.
ކޮމެންޓް