ހ. ކަޅުހުރާ މަގުގައި ހުންނަ ސާޖް ގޭގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު އިރުއޮއްސި 6:18 އެހައިކަންހާއިރެވެ.
ފުލުހުން ބުނީ ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާއަށް ވެފައިވާ އަނިޔާގެ އިތުރު ތަފުސީލު ހާމަނުކޮށް ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނިގޮތުގައި ސާޖް ގޭގެ ތެރެއިން އެމީހާ ބައެއްގެ އަތްދަނޑިމަތީގައި ބާއްވައިގެން ނެރެ، އެގޭގެ ދޮރުކުރިމަތީގައި ބާއްވާފައި އެމީހުން އަވަސް އަހަވަށް އެ ސަރަހައްދު ދޫކޮށް ދިޔައީ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހޭނެތިފައި އޮއްވާ ފެނުނީ އިންޑިއާ ފިރިހިނެކެވެ.
"އެ ގޭގެ އެތެރޭގައި މިކަމެއް ހިނގީ. ދެން ބޭރަށް ނެރެންވެގެން ޓީޝާޓް ވެސް ލައްވާފައި އޮތީ. މޫނު މަތިން ރަތްވެފައިވާ ތަންތަން ފެންނަ ހުރި. ހީވަނީ އަތުގެ އިނގިލިތަކުގެ ނިޝާންހެން. އަނގަމަތި ވެސް ފަޅާފައި ހުރި ކަމަށް ބެލެވޭ. ހީވަނީ ބަޔަކު ރާވައިގެން އަނިޔާކޮށްފައި ހުރިހެން،" މިނޫހާ ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.
“ފުލުހުން މިތަނަށް އައިއިރު އެމީހުން މި ސަރަހައްދު ދޫކޮށް ގޮސް ހުރިހާ ކަމެއް ނިމިއްޖެ،"
އިތުރު މީހަކު ބުނިގޮތުގައި މި ހާދިސާ ހިނގި ވަގުތު އެ ގެއާ ޖެހިގެން ހުރި ކެފޭގައި އޭނާ އިނެވެ. އަޑުގަދަވެގެން ބޭރު ބަލައިލިއިރު ވަރަށް ބޮޑަށް އަނިޔާވެފައި އޮތް މީހަކު ބަޔަކު ވެގެން މަގުމައްޗަށް ނެރެނީ އެވެ. އަދި އެމީހާ އުފުލާލައިގެން ނުކުން މީހުންގެ ހަރަކާތްތައް ހުރި އާދަޔާ ހިލާފު ގޮތުން ގޯހެއް އުޅޭ ކަމުގެ ޝައްކު ބޮޑުވި އެވެ.
"މިއީ ކޮންމެވެސް ގޭނގަކާ ގުޅުން އޮތް ކަމެއްހެން ހީވަނީ. ދެން ފުލުހުން ދޯ ތަހުގީގު ކުރާނީ،" އެމީހާ ބުންޏެވެ.
ގޭގޭގެ ތެރެއަށް ބިދޭސީންނާއި ދިވެހީން ވައްދައިގެން ތޫނު ހަތިޔާރުން ބިރު ދެއްކުމަށްފަހު ފައިސާ ފޭރުމާއި ޖިސްމާނީ އަނިޔާ ކުރުމާއި ރަހީނުކޮށްގެން ގެންގުޅުން ފަދަ މައްސަލަތައް ރާއްޖޭގައި ގިނަވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް