މާލޭގައި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރުފަހު 2:16 އެހައިކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ މީހުންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އަދި އެކްސިޑެންޓުގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް