ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ "ގޫގުލް ޑްރައިވް" އަށް އަޕްލޯޑް ކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެ ފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން މިމަހުގެ 13 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ބ. ކުޑަރިކިލު، ހުޅެވ، އަލީ ނާޖިހު އަހުމަދު، 29، އެވެ.
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ފުރަތަމަ ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
އޭގެ ފަހުން، މިމަހުގެ 19 ވަނަ ދުވަހު އަލުން ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ދީފަ އެވެ.
ކޯޓުން ފަހުން ދިން މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ފުލުހުން އިސްކަން ދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެކެވެ.
ކޮމެންޓް