އެންމެހައި ފަރާތްތަކުގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމަށް، އެކުގައި މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ އެންމެހައި ފަރާތްތަކުގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓިފައިވާ، ހަމަހަމަ އަދި ޝާމިލު މުޖުތަމައުތައް ބިނާ ކުރުމުގެ އަޒުމުގެ މަތީގައި ރާއްޖެ ދެމިއޮންނާނޭ ކަމަށެވެ.
އިޖުތިމާއީ އަދާލަތަކީ ހަމައެކަނި އުންމީދެއް ނޫންކަމަށް ވިދާޅުވެ، އިޖުތިމާއީ އަދާލަތަކީ، ސުލްހަވެރި، ވިލުންތެރި، އަދި ހަމަހަމަ މުޖުތަމައުތައް ބައްޓަން ކުރާނޭ މަގުދައްކާ އަސާސެއްކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި ޝާމިލުކަން ކަށަވަރުކުރުމަށް މުޖުތަމައުތައް ބާރުވެރިކުރުވައި، ތަފާތުތައް ކުޑަކުރުމަށް އައު އަޒުމެއްގައި މަސައްކަތްކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް އެ މަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާ ކުރުމަށާއި، މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށާއި، ޝާމިލުކަމާ އެކު ކުރިއެރުން ގެނައުމަށް ބާރު އެޅުމަށާއި، ނާޒުކު ޖަމާއަތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވެސް، އެ މަނިކުފާނުގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
މީގެ އިތުރުން ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގައި ރާއްޖެއިން ބައިވެރި ވުމަކީ، އިޖުތިމާއީ އަދާލަތު ގާއިމު ކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަޒުމަށް ލިބޭ އިތުރު ބާރެއް ކަމަށާއި، މި ބައިވެރިވުމާ އެކު، ގައުމީ ސިޔާސަތުތަކުގައި ބައިނަލްއަގުވާމީ މިންގަނޑުތައް އެކުލަވާލެވޭނޭ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ މެސެޖުގައު ވަނީ، ހިދުމަތްތަކަށް ވާސިލު ވުމަށް ހުރި ފުރުސަތުތައް އިތުރު ކުރުމަށް، ހާއްސަ ގޮތެއްގައި ހާއްސަ ހިދުމަތްތައް ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހި ކުރުމަށް ޓަކައި، މުޅިން އަލަށް ފައްޓަވާފައިވާ މަސައްކަތްތަކަށް ވެސް އިޝާރާތް ކުރައްވާފަ އެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން، އުނގެނުމުގައި ދެމިތިބުމުގެ ފުރުސަތު އިތުރުކޮށް، މުޖުތަމައު ބައިވެރި ކުރުމުގެ ފުރުސަތު އިތުރުކޮށް، އަދާހަމަކުރެވިފައިވާ މިންގަނޑުތަކާއި ގަވާއިދުތަކުގެ އަލީގައި، ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ބިންގާ ހަރުދަނާ ކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތައް ފުޅާކޮށް، ސިއްހީ ހިދުމަތްތައް ތަރައްގީކޮށް، ހަމަހަމަ އިގުތިސާދީ ފުރުސަތުތައް ހޯދައިދީގެން އަބުރުވެރިކަމާ އެކު މަސައްކަތް ކުރުމަށް އެއްބާރުލުން ދިނުމަށް ދޭ އަހުމިއްޔަތުކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން، އެ މަނިކުފާނުގެ މެސެޖުގައި، މުގައްރަރު މުއްސަނދިކޮށް، ލުއިފަސޭހަ ކަމާ އެކު ތައުލީމު އުގެނުމުގެ އިހުތިޔާރާ އެކު، ތައުލީމު އުގުނެމުގެ ފުރުސަތު އިތުރަށް ފުޅާ ކުރެވިފައިވާ ކަން ފާހަގަ ކުރައްވާފައިވެ އެވެ.
އެ މަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތަފާތުތައް އެބަހުރި ކަމާއި، ކުރިމަގުގައި ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނޭ ކަން ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އިޖުތިމާއީ އަދާލަތަކީ ހަމައެކަނި ވެވޭ ވައުދަކަށް ނުހަދައި، އެއީ ދުނިޔޭގެ ހަގީގަތަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް، ހުރިހާ ފަރާތަކަށް ގޮވާލައްވަމުންނެވެ.
ކޮމެންޓް