ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ސަނޭ ޓަކައިޗީ، އަލުން އިންތިހާބުކުރުމާއި ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އެ ކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވައި، ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން އެ ކަމަނާ އައު ދައުރަކަށް ހޮވުމަކީ ބޮޑުވަޒީރުކަމުގެ ލީޑާޝިޕާއި ތަޖުރިބާއާއި ގާބިލުކަމާ އެކު، އެ ކަމަނާގެ ޒައާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ތަރައްގީ ހޯއްދަވައި ދެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެ ބައޮތްކަން ދައްކުވައިދޭ ކަމެއްކަމުގައި ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ރައީސް ވަނީ، ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުމަށް 2027 ވަނަ އަހަރު 60 އަހަރު ފުރޭކަން ފާހަގަ ކުރައްވައި، ޖަޕާނުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރި ކަމަކީ ދިވެހި ރައްޔިތުން އެކަމަކަށް، އިހުލާސްތެރިކަމާ އެކީ ޝުކުރުވެރިވާ ކަމެއް ކަމަށް ފާހަގަ ކުރައްވާފަ އެވެ.
އަދި، ބޮޑުވަޒީރުކަމުގެ އައު ދައުރުގައި ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކާ މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ރައީސް ހާމަ ކުރެއްވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ޖަޕާނުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.
ކޮމެންޓް