ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 2އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުވެގެން ދިއުމަކީ ވީއައިއޭ އިން ދޭ ހިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި އައު ބޮޅެއް ކަމަށް ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝަރީފް މި ގޮތަށް ވިދާޅުވީ ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަން، ޓާމިނަލް 2އަށް ރަސްމީކޮށް ބަދަލު ކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަން، ޓާމިނަލް 2އަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ޑޮމެސްޓިކް އޮޕަރޭޝަންގެ މުޅިން އައު ބާބެއްގެ ފެށުން ކަމަށެވެ.
އަދި އެމްއޭސީއެލްގެ ކޮންމެ މަސައްކަތެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވައި ކަންކަމުގައި އިރުޝާދާއި ލަފާފުޅު ދެއްވާ ކަމަށް ވިދާޅުވެ އެކަމަށް ޓަކައި އެމްޑީ ވަނީ ރައީސަށް ޝުކުރު ދަންނަވައިފަ އެވެ.
އެމްޑީ ޝަރީފު އިތުރަށް ވިދާޅުވީ، ވީއައިއޭގެ އިންޓަނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓާމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދާ ކަމަށެވެ.
ކޮމެންޓް