ލިޔުނީ: މަރިޔަމް މޫސާ
"އަތްތިލަ."ކުއްޖަކު ޖަވާބު ދިނެވެ.
"އަތްތިލައާއި އެކު ފަސްއިނގިލި، އެއްވަރުތަ؟"ޝާހިލް އަހާލިއެވެ. ކުދިން ނޫނެކޭ ބުނާގޮތައް ބޯހޫރާލިއެވެ.
"މިއީ ވެސް ދިރިއުޅުމުގެ މިސާލެއް، އަބަދު އެއްގޮތަކަށް ކަންތައްތައް ނުވާނެކަން، އެހެން ނޫންނަމަ ފަސް އިނގިލި އެއްވަރުވާނެ، އެކަމަކު ތިކުދިން މަސައްކަތް ކޮށްފިނަމަ، މިފަސް އިނިލި މުއްކާވާލީމައި މިވާ ބާރު ތިކުދިން އެއްވީމައި ލިބޭނެ." ޝާހިލް އަތް މުއްކަވާލަމުން ބުންޏެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް ބަލާލިއެވެ. ޒުލްޝާން އިނީ ޝައުގުވެރިކަމާއި އެކީގައި ޝާހިލް އަށް ބަލާށެވެ.
"މިފަހަރު މިމެޗުން ތިކުދިންނަށް ވެސް ވަނީ ކުއްކުރެވިފައި، އެއްކުއްޖަކު އަނެއްކުއްޖަކާ ގުޅިގެން މަސައްކަތް ނުކުރީމައި، ޕުރެކްޓިސް ގައި ވަރަށް ރަނގަޅު، އެކަމަކު މެޗުގައި..."ޝާހިލް ޒުލްޝާން އަށް ބަލާލިއެވެ. ހީވީ ސީދާ ކުއްވެރިވީ ހަމައެކަނި ޒުލްޝާން ހެންނެވެ. ދެން ތިބިކުދިން ގެ ނަޒަރުވެސް ޒުލްޝާން އަށް ހުއްޓުނެވެ.
"ސޮރީ، ދެން އެހެނެއް ނުވާނެ."ޒުލްޝާން އޭނަގެ ކުއްގަބޫލުކުރިއެވެ. އަދި އިތުރުއެއްޗެއް ނުބުނެ އިންތަނުން ތެދުވެގެން އެތަނުން ނިކުމެވެން ހުރި ދޮރާ ދިމާ އަށް ދިޔައެވެ. ޒުލްޝާން ދިޔަތާ އިރުކޮޅެއް ނުވަނީސް ޝާހިލް ވެސް އިންތަނުން ތެދުވެގެން އެދިމާ އަށް ދިޔައެވެ.
ސޯޝަލްސެންޓަރގެ ގޯތިތޭގައި ހުރިތަނބުތަކުން ތަބެއްގައި ލެނގިލައިގެން ހަޝަމްބަދެގެން ސްޓާރ ސިނަމާއާއި ދިމާ އަށް ނަޒަރު ހުއްޓާލައިގެން ޒުލްޝާން ހުއްޓެވެ. ވަގުތަކީ މާފަންނުމަދަރުސާގެ ޔޫކޭޖީ ކުދިން ނިމި އެލްކޭޖީ ކުދިން ސްކޫލަށް އަންނަ ވަގުތުތެވެ. އެހެންކަމުން ހަތަރު އަނގޮޅިން ދެވެން އޮތް ކޮންމެ މަގަކުން ބެލެނެވެރިން އެކުދިންގެ ތުއްތު ތުއްތު ކުދިން ގޮވައިގެން ހަރަކާތް ތެރިވަމުން ދިޔައެވެ.
ޒުލްޝާންގެ ނަޒަރު ހުއްޓިފައި ހުރިދިމާ އަށް ޝާހިލް ބަލާލިއެވެ. ސްޓާރ ސިނަމާ ބެލްކަނީގައި ޒުވާން އުމުރުގެ ކުދިން ކޮޅެއް ވާހަކަ ދައްކަން މަޑުކޮށްލައިގެން ތިއްބެވެ. އެކުދިން ތެރޭން އެއްކުއްޖަކަށް ޒުލްޝާންގެ ނަޒަރު ވަނީ ހުއްޓިފައެވެ. އެކުއްޖާ ވެސް އިރުއިރުކޮޅާ ޒުލްޝާން ހުރި ދިމާ އަށް ބަލާލައެވެ.
"މިއަދު ކަމެއް ވީތަ؟"ޝާހިލް ޒުލްޝާން އަށް ބަލާލަމުން ސުވާލު ކޮށްލިއެވެ.
"ނޫން..."ޒުލްޝާންގެ ޖަވާބު ކުރެވެ.
"ކޯޗަށް ހީވަނީ ކުއްޖަކާ މައްސަލަ ޖެހުނީހެން، ކޯޗަށް ކިޔައެއް ނުދޭނަންތަ؟"ޝާހިލް ގާތް އެކުވެރިޔަކު ފަދައިން އަހާލިއެވެ. ޒުލްޝާން ޝާހިލް އަށް ބަލާލިއެވެ.
"ވާހަކަ ހިއްސާ ކުރާހާ ކޯޗް ތިއީ ގާތްމީހެއް ނޫން، ގާތްވި ދުވަހަކުން ހިއްސާކުރާނަން."ޒުލްޝާން އެހެން ބުނެލަމުން އެތެރެއަށް ހިނގައިގަތެވެ.
ޒުލްޝާންގެ ޖުމްލައިން ޝާހިލްގެ ހިތުގައި ރިއްސާލިއެވެ. ޝާހިލް މަގުމައްޗާ ދިމާ އަށް ބަލާލިއެވެ. ހަލަބޮލި ވަގުތެކެވެ. ޝާހިލް ޒުލްޝާން ދިޔަދިމާ އަށް ފަސް އެނބުރި ބަލާލިއެވެ. އޭރު ޒުލްޝާން ގޮސް ހޯލްތެރެއަށް ވަދެއްޖެއެވެ. ޝާހިލް އޭނަ ލައިގެން ހުރި ޓްރެކްޝޫޓަށް އަތް ބާނާ ލިއެވެ. އަދި މަޑުމަޑުން ކުރިޔަށް ހިނގާލާފައި ނިކުންނަ ދޮރާދިމާ އަށް ދިޔައެވެ.
ޗެޕްޓާރ: 5
ކޮންކަހަލަ ބައްޕަ އެއް
ވިސްނާނުލާ ހުއްޓާ ހަޔާތަށް އަންނަ ދައުވަތުތަކަކީ ގަބޫލު ނުކޮށްވެސް ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. ހަމަ އެޔާއި އެކީގައި މާޒީ އަކީ އިޔާދަވާނެ އެއްޗެއް ނޫންކަމަށް ގަބޫލުކުރުމަކީ ވެސް މޮޔަކަމެކެވެ. މާޒީ އަކީ ނިމިފައިވާ ބާބެއްކަމަށް ގަބޫލުކޮށް، މުސްތަގްބަލު އުޖާލާ ކުރެވޭނެ ކަމެއްކަމަށް ވިސްނުމީ ވެސް ރަނގަޅު ހިޔާލެއް ނޫނެވެ. މާޒީގެ ތަޖުރިބާ އަށް ބަލާލަމުން މުސްތަގްބަލް އަލުން އާ ބާބެއްގެ ގޮތުގައި ލިޔަން ގަސްތުކުރުމީ ވިސްނޭ ސިފައެކެވެ. މާޒީ އާއި، މިއަދު، އަދި މާދަން މިއީ ގުޅިލާމެހިފަވާ ތިން ކަމެވެ. ހަޔާތުގެ ތިންދައުރެވެ. މިއިން ކޮންމެ ދައުރެއްވެސް ދަސްކޮށްދޭނީ މުޅިން އާކަންކަމެވެ. މާޒީ އަކީ ވެނިމިފައިވާ ބާބެކެވެ. އެކަމަކު މިއަދާ ގުޅިގެން އަންނާނެ ބާބެކެވެ. މިއަދު މިއީ އެމީހެއްގެ ހަޔާތުން ނިމިގެންދާނެ ބާބެއް ނޫނެވެ. މުސްތަގްބަލް އެއީ އަބަދުވެސް އުންމީދެއްގެ ތެރޭގައި ވާ އާ ބާބެކެވެ.
***********************
މަގުމައްޗަށް ނިކުމެ މަގުހުރަސްކޮށް ފިހާރައަކާ ދިމާ އަށް ދިޔައެވެ. އެވަގުތު އެދިމާ އަށް އައި ލޮރިއެއް ކުއްލިޔަށް ބުރެކި ޖައްސާލިއެވެ. އޭރު ޝާހިލްގެ ފަހަތުން 4 އަހަރުގެ އަންހެން ކުއްޖަކުދުވެފައި އައެވެ. އެކުއްޖާގެ ގައިގައި ލޮރީން ޖެހިދާނެތީ ބުރެކި ޖައްސާލިއެވެ.
"ބަލަ ދަރިފުޅުގެ އަތުގައި ހިފައިގެން މަގުހުރަސް ކޮށްބަލަ، ކޮންކަހަލަ ބައްޕަ އެއް، ދެންމެ މީގެން ޖެހުނު ނަމަ އަހަރެން ގޯސްވާނީ."ލޮރި ދުއްވަން އިން ޑްރައިވަރު ހަރުކަށި ރާގަކަށް ބުންޏެވެ. އޭރު އަންހެން ކުއްޖާ ދުވެފައި ގޮސް ޝާހިލްގެ އަތުގައި ހިފަނީއެވެ. ޝާހިލް ވެސް ޙައިރާން ކަމާއި އެކީގައި އެތުއްތު ކުއްޖާ އަށް ބަލާލިއެވެ. ލޮރީގައި އިން ޑްރައިވަރު ލޮރީ ދުއްވާލިއެވެ. ޝާހިލް ޙައިރާން ކަމާއި އެކީގައި އެކުއްޖާ އަށް ބަލަމުން ދިޔައެވެ. އެކުއްޖާ ހުރީ ޝާހިލްގެ އަތުގައި ހިފަހައްޓައިގެން މަގުމައްޗަށް ބަލާށެވެ. އޭރު އެދިމާ އަށް ދުވެފައި 20 ސަކަށް އަހަރުގެ އަންހެން ކުއްޖަކު އައެވެ.
"އާލާ."އަންހެންކުއްޖާ ހާސްވެފައިވާ ރާގެއްގައި ބުނަލަމުން އަތުން އިޝާރާތް ކޮށްލިއެވެ.
ޝާހިލް އެކުއްޖާ އަށް ބަލާލިއެވެ. ޝާހިލްގެ އަތުގައި ހިފަހައްޓައިގެން ހުރި އާލާ ޝާހިލްގެ ފައިގައި ބައްދާލިއެވެ. އެއަންހެން ކުއްޖާ އާއި އެކީގައި ނުދާން ވެގެން ނެވެ. ޝާހިލް އާލާގެ ބޮލުގައި ފިރުމާލިއެވެ. އާލާ އިސްއުފުލާ ޝާހިލް އަށް ބަލާލިއެވެ. ޝާހިލް ހިނިތުން ވެލިއެވެ. އާލާ ވެސް ލޯބި ގޮތަކަށް ދެތުންފަތް ކައިރިކޮށްލަމުން ހިނިތުން ވެލިއެވެ.
"މިއީ ކޮން ކުއްޖެއް؟"ޝާހިލް އޯގާތެރި ރާގެއްގައި މަޑުމަޑުން އަހާލިއެވެ.
"މިއީ އާލާ ދޯ، ހިނގާ އަވަހަށް އާންޓީއާއި އެކީގައި."އެއަންހެން ކުއްޖާ އަތުން އިޝާރާތް ކޮށްލަމުން ބުންޏެވެ.
"ތިއީ އާންޓީއެއްތަ؟"ޝާހިލް އަންހެން ކުއްޖާ ކުރެން އަހާލިއެވެ.
"ލައްބަ، އާލާގެ ބެލެނެވެރިޔާ އަދި ބަލާނާދޭ، ކުޑައިރުކޮޅެއް ލަސްވެދާނެ ވާހަކަ ބުނެލާފައި އޮތީ، އެހެންވެ ކުލާސް ތެރޭގައި ބައިންދާގެން، ދެން އޮތް ކުލާސް ތައް ފެށޭތީ ކުދިންގެ ކަންތަކުގައި އުޅެނިކޮށް ދުވެފައި ސްކޫލުން އެނިކުތީ، ބާރޭ ދުވެލާފައި އައިލެއް."އަންހެންކުއްޖާ އަވަސް އަވަހަށް ކަންވީގޮތް ޝާހިލްގެ ކުރިމަތީގައި ބަޔާން ކޮށްލިއެވެ. އިތުރު ސުވާލަކަށް ޝާހިލް ގޮސްދާނެތީއެވެ.
ޝާހިލް އާލާ އާއި ދިމާ އަށް ތިރިވެ ކުޑަކަކޫ ޖަހާލިއެވެ. އަދި އާލާގެ ލޯބި ހިނިތުން ވުމަށް ބަލާލިއެވެ. އާލާގެ އަތުގައި ހިފާލަމުން އާލާގެ އަތުގައި ލޯބި ކޮށްލިއެވެ.
"މިއީ ވަރަށް ބަސްއަހާ ކުއްޖެއް، ދޯ، އާންޓީ އާއި އެކީގައި އަވަހަށް ކުލާހަށްދޭ."ޝާހިލް މަޑުމަޑުން ބުނެލިއެވެ.
"އާލާ އަށް ވާހަކަ އެއް ނުދެއްކޭނެ، ތިބޭފުޅާ ދައްކާ ވާހަކަ ވެސް އަޑެއް ނީވޭނެ."އަންހެންކުއްޖާ މަޑުމަޑުން ބުންޏެވެ. ޝާހިލް ހައިރާން ކަމާއި އެކީގައި އަންހެން ކުއްޖާ އަށް ބަލާލިއެވެ. އަދި އުފާވެރި ހިތުން ވުމެއް ތުންފަތް މައްޗަށް ގެނެސް ގެން ހުރި އާލާ އަށް ބަލާލިއެވެ.
"ދެން ސްކޫލް؟"ޝާހިލް އަށް ޙާއިރާން ވެފައިވާ ރާގަކަށް އަހާލެވުނެވެ.
"އާލާގެ ބެލެނެވެރިޔާގެ އެދުމުގެ މަތިން މިސްކޫލަށް ވައްދާފަ އެހެރީ، ކުދިންނާ އެކީގައި ރަނގަޅު މާހައުލެއް ގައި ވަގުތު ހޭދަކޮށްލުވަން ވެގެން، އޭގެ ބަދަލުގައި އާލާގެ ބެލެނެވެރިޔާ ސްކޫލަށް ވަރަށް އެހީތެރިވެދޭ."އަންހެން ކުއްޖާ އޭނަޔަށް އެނގޭ ހިސާބަށް ބުނަލަދިނެވެ.
އަންހެން ކުއްޖާ ކުރިޔަށް ޖެހިލާފައި އާލާގެ އަތުގައި ހިފިއެވެ. އެވަގުތު އާލާ ޝާހިލްގެ ގައިގައި ބައްދާލިއެވެ. ނުދާން ވެގެން ނެވެ. ޝާހިލް އާލާ އުރާލައިގެން ކޮޅަށް ތެދުވިއެވެ. އަދި ފިހާރައަށް ނުވަދެ ސްކޫލާ ދިމާ އަށް އާލާ އުރާލައިގެން ދިޔައެވެ. އަންހެންކުއްޖާ ޝާހިލްގެ ފަހަތުން ހިނގައިގަތެވެ. ސްކޫލް ތެރެއަށް ވަދެފައި ކުލާސްތެރޭގައި އާލާ ބޭންދިއެވެ. އެތަނުގައި ނީދެ ޝާހިލް އާއި އެކީގައި ދާން ވެގެން އާލާ ދުވައިގަތެވެ. އާލާ ބަލާ ނިކުތް ޓީޗަރު އާލާ ހިފެހެއްޓިއެވެ. ޝާހިލް ކުލާސް ދޮރުމައްޗަށް އަރާފައި ފަސް އެނބުރި އާލާ އަށް ބަލާލިއެވެ. އާލާ ޝާހިލް އާއި އެކީގައިދާން ރޮމުން ދިޔައެވެ. މިވީ ކުޑަ ހިނދުކޮޅު ތެރޭގައި ޝާހިލް އާއި އެކުޑަ އަންހެއްކުޖާގު ގުޅުން ވަރަށް ވަރުގަދަ ވިކަހަލަ އެވެ. ޝާހިލް ވެސް އާލާ ރޮއްވާލާފައި އެތަނުން ދާހިތެއް ނުވިއެވެ. ކުރިޔަށް ޖެހިލާފައި އާލާ އުރާލިއެވެ. އާލާ އުރާލުމާއި އެކީގައި ޝާހިލްގެ ކަނދުރާގައި ދެއަތްވަށާ ބައްދާލަމުން ޝާހިލްގެ ކޮނޑުގައި ބޯއަޅާލިއެވެ. އެލޯބި ހަރަކާތް ޝާހިލްގެ ހިތުގެ ކުރެހުނެވެ.
"އަހަރެން އާލާ ގޮވައިގެން މިހިރީ ޕްލޭގްރައުންޑްގައި، ބެލެނެވެރިޔާ އައިމަ އަންގާލާ."ޝާހިލް ބުންޏެވެ.
އާންޓީ ބޯޖަހާލިއެވެ. ޝާހިލް އާލާ ގޮވައިގެން ކުޅޭއޭރިޔާ އަށް ނިކުތެވެ. ކުޅޭ އޭރިޔާ އަށް ނިކުމެ ޝާހިލް ބަލާލިއެވެ. އާލާ ގޮވައިގެން ދާނެ ދިމާ އަކަށެވެ. ވަށާވާ ކުލާސްތަކުގެ މެދުން ހުސްކޮށްއޮތް މައިދާނުގައި ކަނާތް ފަރާތުގައި ދޮންވެލި އަޅާ ފުޅާފައިވާ ދެބުރު ހުއްޓެވެ. ހަމަ އޭގެ ދެބުރުން ޝާހިލް ހުރިދިމާލުގައި ވެސް ހުއްޓެވެ. އެކަމަކު އެދިމާ އަށް އޮތީ ގަދަ އަވިދީފައެވެ. އަނެއްދިމާލުގައި ހުރި ބުރަށް އެދިމާލަށް ހުރި ދިއްގާ ގަހުގެ ހިޔާ އޮތީ އެޅިފައެވެ. އެބުރު ތަކުގެ ތެރޭގައި ވެއްޔާ ކުޅޭނެ ސާމާނު ހުއްޓެވެ. ބުރުގެ އެއްފަރާތެއްގައި ތަންކޮޅެއް ދުރުގައި ސްލައިޑް އެއް ހުއްޓެވެ. އަދި ދެއުނދޯޅި ހުއްޓެވެ. އޭގެ އެއްފަރާތުގައި އުނދޯލިން ނުޖެހޭނެ ހެން ސީސޯ އެއް ހުއްޓެވެ.
އާލާ ދާނެ ދިމާލެއް ބަލަން ޝާހިލް ވެލިގަނޑުމަތީގައި އާލާ ބެހެއްޓިއެވެ. އާލާ ޝާހިލްގެ އިނގިލީގައި ހިފާލިއެވެ. ޝާހިލް ގޮސްދާނެކަމުގެ ބިރުއޮތް ކަހަލަ ގޮތަކަށެވެ. އަދި ޝާހިލްގެ އިނގިލީގައި ހިފައިގެން ވެލިން ފުރިފަވާ ބުރާ ދިމާއަށް ދިޔައެވެ. އާލާ ބުރުތެރެއަށް އެރި ދެފައިދަމާލަމުން ވެލިގަނޑުތެރޭގައި އިށީންދެ ވެއްޔާކުޅެން ފެށިއެވެ. ޝާހިލް ވެސް ބުރުގެ އެއްފަރާތުން ބުރުމަތީގައި އިށީނެވެ.
ކެމެރާބޭގް ކޮނޑުގައި އަޅުވާލައިގެން ބާރުހިނގުމުގައި އައިސް ސްކޫލް ތެރެއަށް ޝިފްނާ ވަނެވެ. ދެންމެ އާލާ ހުރި ކްލާސް ދޮރުމައްޗަށް ޝިފްނާ އެރިއެވެ. އެވަގުތު އެތެރޭގައި ކިޔަވާދޭން ހުރި ޓީޗަރަށް ޝިފްނާ ފެނުމުން އެދިމާ އަށް އައެވެ. އޭރު ޝިފްނާ ކުލާސް ތެރެއަށް ނަޒަރު އުކަމުން ދިޔައެވެ.
"އާތިގާ، ކޮބާ އާލާ؟"ޝިފްނާ ހިނިތުން ވެލަމުން އަހާލިއެވެ. އާތިގާ އަތުން އިޝާރާތް ކޮށް ޕްލޭގްރައުންޑް ދައްކާލިއެވެ. ޝިފްނާ އެދިމާ އަށް ބަލާލިއެވެ. އޭރު ޝާހިލް އާއި އެކީގައި ވެއްޔާ ކުޅެން އިން އާލާ ފެނުނެވެ.
"ޝާހިލް." ވައި އަޑުން ޝިފްނާގެ ދުލުން އެ ނަން ކިޔާލެވުނެވެ.
އެއާއި އެކީގައި މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފާޅުވެގެން ދިޔައެވެ. އެއީ އޭނަ އުންމީދުކޮށްގެން ހުރި ކަމެއް ނޫނެވެ. ޝާހިލް އާއި ބައްދަލު ވާކަށް އޭނަ ތައްޔާރެއް ނޫނެވެ. ވަގުތު ކޮޅަކަށް އޭނަ އެތަނުގައި ގަނޑުވިކަހަލަ އެވެ، އޭނަގެ ހިއްސުތައް މަސައްކަތް ކުރުން ހުއްޓާލިފަދައެވެ.
"އާލާ އެޒުވާނާގެ އަތުން ދޫވެސް ނުކުރި، ހީވަނީ އާލާ ގެ ވަރަށް ގާތް މީހެއްހެން." އާތިގާ ގެ އަޑު ޖެހުމުން ޝިފްނާ ގެ ހިއްސުތައް މަސައްކަތް ކުރަން ފެށިކަހަލަ އެވެ. ޝިފްނާ ޝާހިލް އިންދިމާލުން ނަޒަރު ނައްޓާލަމުން އާތިގާ އަށް ބަލާލިއެވެ.
އާތިގާ ޝާހިލް އާއި އާލާ ދިމާވި ގޮތް ތަފްސީލްކޮށް ޝިފްނާ އަށް ކިޔާދިނެވެ. އާލާ ދުވެފައި ބޭރަށް ނިކުތް ވާހަކަ ބުމުން ޝިފްނާ އަށް އޭނަގެ މޭގައި އަތް ޖައްސާލެވުނެވެ. އެއާއި އެކީގައި ދެލޯ ބޮޑުވެ ދަތުގައި ދުލުގެ ކުރިޖައްސާލެވެނެވެ.
"ބޭރަށް ނިކުމެގެން ދުއްވާގަތީ؟"ޝިފްނާގެ މޫނުމަތިން ހާސްކަން ފެނުނެވެ. އާތިގާ އެކަމަށް މައާފަށް އެދުނެވެ.
"ކުރިންވެސް ބުނީމެއްނުން، އާލާ އެހެންކުދިންނާ ތަފާތުވާނޭ، އޭނަޔަށް ފަހަތުން އެއްޗެއް އަންނަ އަޑުވެސް ނީވޭނެ، ދެންމެ އެލޮރީގައި ޖެހުނުނަމަ."ޝިފްނާގެ ހިތް ކުރިޔަށް ވުރެން ތެޅިގަނެގެން ދިޔައެވެ. އޭނަގެ ދުލުން އެބުނި ލަފްޒް ހަގީގަތަކަށް ވިނަމަ އޭނަ ކުރާނީ ކީއްހެޔެވެ. އާލާ އަކީ އޭނަގެ ދުނިޔެއެވެ. ހިތުގެ ވިއްދާ ކުޅިފައިވާ އޭނަގެ ހަށިގަނޑުގެ އެއްބައެވެ.
ޝިފްނާ ޝާހިލް މެން ތިބިދިމާ އަށް މަޑުމަޑުން ދިޔައެވެ. އޭނަ ކުރިޔަށް ދިޔަކަމުގައި ވިޔަސް އޭނަގެ އަތަރެއްސްފައި ފިނިވަމުން ދިޔައެވެ. ހިތުގެ ވިންދު ތަފާތުގޮތަކަށް ޖަހަމުން ދިޔަކަހަލައެވެ. އޭނަގެ ހިތުގެ ތެޅުން އެހެން މީހަކަށް ފަޅާއަރާފާނެތީ ޖެހިލުންވެފައިވާ ކަހަލަ އެވެ. މަޑު ފިޔަވަޅުގައި އެދިމާ އަށް ދިޔައީ ވަގުތު އޮވެގެން ނެއް ނޫނެވެ. އެހެން ނަމަވެސް އަވަހަށް ދިޔަކަމުގައި ވިޔަސް ހިތުގައި އުފެދެމުން މިދާ ހާޖާނުގަނޑެއް ކުޑައެއް ނުވާނެ ކަން އޭނަޔަށް އެނގެއެވެ.
ޝިފާން އެދިމާ އަށް ހުއްޓިލުމުން އާލާ އަށް ޝިފްނާ ފެނުމުން އަތުގައި އޮތް ކުޅޭއެތި އެއްލާލާފައި ދުވެފައި އައިސް ޝިފްނާގެ ގައިގައި ބައްދާލިއެވެ. ޝާހިލް ވެލިގަނޑުމަތިން ތެދުވަމުން އެދިމާ ބަލާލިއެވެ. ޝިފްނާ ޝާހިލް އަށް ބަލާލުމެއް ނެތި އާލާ އާއި ދިމާ އަށް ތިރިވެލިއެވެ. އަދި އާލާގެ ޔުނީފޯމާ އަތުން ވެލި ފޮޅާލިއެވެ. އާލާގެ ދެއަތުގައި ހިފާލަމުން އަތުގައި ބޮސްދިނެވެ. އެމަންޒަރު ބަލަން ހުރި ޝާހިލްގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެެވެ. އެއީ އޭނަ އުންމީދުކޮށްގެ ހުރި ވަގުތެއް ނޫނޭ ބުނާކަހަލަ ވާހަކަ ތަކެއް މޫނުގައި ކުރެހެމުން ދިޔައެވެ. ޝާހިލްގެ ނަޒަރު ސީދާވެފައި ހުރި އާލާގެ ދެއަތުގައި ހިފަހައްޓައިގެން އާލާ އަށް ހިނިތުންވެލައިގެން އިން ޝިފްނާ އަށެވެ. މިނިވަން ކަމާއި އެކީގައި ފަހަތަށް ދޫކޮށްލެވިފައިވާ އޭނަގެ ފަން އިސްތަށިގަނޑު ޝިފްނާގެ މޫނުގައި ސަމާސާ ގޮތަކަށް ބީހެމުން ދިޔައެވެ. ޝިފްނާ އެއްފަރާތަށް ބޯހަރަކާތް ކޮށްލަމުން މަޑުން އޮތުމަށް އިސްތަށިގަނޑަށް އަމުރު ކުރާކަހަލައެވެ. އެހެން ނަމަވެސް އެކިޔަމަންތެރިނުވާ އިސްތަށިގަނޑު ސަމާސާކުރަމުން ދިޔައެވެ.
"އަބަދުވެސް މިހާ ފަންތަ؟"ޝާހިލްގެ ކަންފަތުގައި އޭނަ އަށް ބުނެވިފައިވާ ޖުމްލަ އެއް ގުމާލިއެވެ.
"މަންމިގެ ޖާނު ކޮޅު."އާލާގެ ގައިގައި ބައްދާލަމުން ޝިފްނާ ބުންޏެވެ. ޝާހިލްގެ ކަންފަތުގައި މިވަގުތު އެޖެހުނު ޖުމްލައިން ޝާހިލްގެ މޫނުތިން އިތުރު ހައިރާންކަމެއް ފާޅުވިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުވެ ފައިވާ މީހަކު ފަދައިން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެކަމަކު އެހިނދު އޭނަގެ ޒަމީރު ހޭލައްވާލިއެވެ. މަޑުމަޑުން ކުރިޔަށް ވިޔަވަޅު އަޅަމުން ދިޔައެވެ. ޝިފްނާގެ ދާދި ގާތަށް ހުއްޓިލިއެވެ.
"ޝިފްނާ..."ޝާހިލް ޝިފްނާގެ ނަން ހިމޭން ރާގެއްގައި ކިޔާލިއެވެ. ޝިފްނާގެ ކަންފަތުގައި ޝާހިލްގެ އެފިރިހެން ވަންތަ އަޑު ޖެހުމުން ދެލޯ މަރާލެވުނެވެ. އެއަޑު އޭނަގެ ކަންފަތުގައި ނުޖެހޭތާ އެތަށް ޒަމާނެކެވެ. ޝާހިލްގެ ނަޒަރު މިވަގުތުވެސް އޭނަގެ ހަށިގަނޑުގައި ބީހެމުން ދިޔަކަހަލައެވެ. ލަދުވެތިކަމުގެ ހޫނުކަން ދެކޯތާފަތަށް ވެރިވެގެން ދިޔައެވެ. އެއާއި އެކީގައި އޭނަގެ ދެކޯތާފަތަށް މަޑުފިޔާތޮށި ކުލައެއް ވެރިވެގެން ދިޔައެވެ.
ޝިފްނާ އިސްއުފުލާ ޝާހިލް އަށް ބަލާލިއެވެ. އަދި ހިނިތުން ވުމެއް ތުންފަތް މަތީގައި ކުރަހާލެވޭތޯ މަސައްކަތް ކުރަމުން ކޮޅަށް ތެދުވިއެވެ.
"ޝާހިލް."ޝިފްނާ ވެސް ޝާހިލްގެ ނަން މުހާތަބް ކުރިއެވެ.
"ކޮންއިރަކު މާލެ އައީ؟"ޝާހިލް ސުވާލު ކޮށްލިއެވެ.
"ދުވަސްކޮޅެއް ވެއްޖެ."ޝިފްނާ ޖަވާބު ދިނެވެ.
"މިއީ؟"ޝާހިލް އާލާ އަށް އިޝާރާތް ކޮށް އަހާލިއެވެ. ޝިފްނާ ޖަވާބު ދިނުމުގެ ބަދަލުގައި ހަމައެކަނި ހިނިތުން ވެލިއެވެ.
"ދަނީ."ޝިފްނާ އާލާ އުރާލިއެވެ.
އަދި ނުނިމޭ
ކޮމެންޓް