ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނި މި ގޮތަށް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރީންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި އެންމެ ގިނަ ވިޔަފާރިވެރިން ހުށަހެޅުއްވި ކަންބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި، ފައިސާ ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމާއި، ވިޔަފާރިވެރިންނަށް ފަސޭހައިން މުދާ ބަހައްޓާނެ ތަންތަން ކުއްޔަށް ލިބޭނެ ގޮތް ސަރުކާރުން ހަމަޖެއްސެވުމާއި، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމުގައި ފަސޭހަ އިންތިޒާމް ހަމަޖެއްސެވުން ފަދަ ކަންކަން ހިމެނެ އެވެ.
އެކަންކަމަށް ޖަވާބުދެއްވަމުން ރައީސް ވަނީ ވަގުތުން ވަގުތަށް ހަމަޖައްސަވައިދެއްވެން ހުރި ބައެއް ކަންކަން ހާމަ ކުރައްވާފަ އެވެ.
އެ ގޮތުން ވައިގެ މަގުން އަދި ކަނޑުމަގުން އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމަށް މިހާރު އޮންނަ ވަގުތު 18 ގަޑިއިރުން 24 ގަޑިއިރަށް ހަމަޖައްސަވައިދެއްވާނެކަން ވެސް ރޭ އިއުލާންކުރެއްވި އެވެ. އަދި މާލޭ ވިޔަފާރި ބަނދަރުން، އަމިއްލަ ފަރާތްތަކުގެ ވެހިކަލް ވައްދައިގެން މުދާ ކްލިއާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސައިދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ކުރިން ރުފިޔާއިން ދައްކަންޖެހޭ ބައެއް ފީތަކަށް ވެސް ގެނެވެން އޮތް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވިޔަފާރިވެރިންނަށް ދެއްވި އެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ކަންކަމަށް އިޝާރާތްކުރައްވާ އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މި މަސް ނިމުމުގެ ކުރިން ވީހާވެސް ގިނަބަޔަކަށް ފައިސާ ދޫކުރަން ކަމަށާއި ރަމަޟާން މަހުގެ ކުރިން ހުރިހާ ފައިސާއެއް ދައްކާ ނިންމަވާނެ ކަމުގެ ޔަގީ ންކަންވެސް ދެއްވި އެވެ.
ވެއާހައުސް އާއި އެކި ބޭނުންތަކަށް ކުއްޔަށް ތަންތަން ނުލިބޭ މައްސަލައަށް އިޝާރާތްކުރައްވާ ރައީސްވިދާޅުވީ ހުޅުމާލެއިން ކުޑަ އަގެއްގައި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ނެގޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.
ބިދޭސީން ގެނައުމަށް ކޯޓާ ފީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އާއި ގުޅޭ ގޮތުން ވިޔަފާރިވެރިން ހުށަހެޅުއްވި ކަންބޮޑުވުމާއި ގުޅޭ ގޮތުން ވިދާޅުވީ ކޯޓާ ފީއަށް ދެއްވެން އޮތް އެންމެ ލުއިގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ސަރުކާރު ހޮސްޕިޓަލަކުން ޑޮކްޓަރު ދޭ ލިޔުމަކުން ނޫނީ އާސަންދަ މެދުވެރިކޮށް އައިނު ނުހެއްދޭ ގޮތަށް އޮންނަ އޮތުމަށް ވިޔަފާރިވެރިޔަކު ހުށަހެޅުއްވި ހިޔާލަށް އިޝާރާތް ކުރައްވާ ރައީސް ވަނީ އެކަމަށް ވެސް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ވިޔަވާރިވެރިން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން ވަކިވަކި ކަންކަމަށް އިޝާރާތް ނުކުރެއްވި ނަމަވެސް ކޮންމެ ހިޔާލަކާއި މަޝްވަރާއަށް ގާނޫނާއި ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ވިޔަފާރިތަކަށް އާރޯކަން ގެނެސްދެއްވުމަށް ކޮށްދެވެން އޮތް އެންމެ ރަނގަޅު ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ކޮމެންޓް