ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރާނީ އިސްމާއީލް ޒަރިޔަންދު ކަމަށް އެ ޕާޓީން މިރޭ އިއުލާންކޮށްފި އެވެ.
މިކަން އިއުލާންކުރީ ޕީއެންއެފުން އާޓިފިޝަލް ބީޗުގައި މިރޭ "ރީސެޓް" ނަމުގައި ބޭއްވި ޖަލްސާގަ އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަނިކުފާނުގެ ތާއީދާ އެކު މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޒަރިޔަންދުއަށް ވީހާވެސް ގިނަ ބަޔަކު ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ޔާމީން، ޒަރިޔަންދު ސިފަ ކުރެއްވީ ވަރުގަދަ ފަހުލަވާނެއްގެ ގޮތުގަ އެވެ.
"މާލޭ ސިޓީގެ މޭޔަރު ވާންޖެހެނީ ކްރެޑިބަލް މީހަކަށް. ވާން ޖެހެނީ މާލޭގެ ރައްޔިތުންގެ ތާއީދު އޮތް މީހަކަށް. މާލޭގެ ރައްޔިތުން ހެއްވާލަދޭނެ މީހަކަށް. އަޅުގަނޑުވެސް މި ހުރީ ޒަރިޔަންދާ އެކު،" ޔާމީން ވިދާޅުވި އެވެ.
ޒަރިޔަންދުއަށް ރައްޔިތުންގެ ތާއީދު އޮތް ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އޭނާ ވަނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓްގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކޮށްގެން ބޮޑުތަނުން ބަލިވެފަ އެވެ.
އެފަހަރު އެމްޑީޕީގެ ކެންޑިޑޭޓް މީކާއީލް އަހުމަދު ނަސީމް އާ ވާދަކޮށްގެން ޒަރިޔަންދުއަށް ލިބުނީ އެންމެ 147 ވޯޓެވެ. އެއީ 7.47 ޕަސެންޓެވެ. މީކާއީލް އަށް 1،092 ވޯޓެވެ. އެއީ، 45.58 ޕަސެންޓެވެ.
ކޮމެންޓް