ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލް، ނުވަތަ ޓާމިނަލް 1އިން ސްރީ ލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1އިން ސްރީލަންކަން އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީ ލަންކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ.
ރަސްމިއްޔާތުގައި ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރު ނަޔޯމީ ޓެނަކޫން އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޓާމިނަލް 1އިން ސްރީލަންކަން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 115 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފުލައިޓު، UL101އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ސްރީލަންކަން އެއާލައިންސް އަކީ ޓާމިނަލް 1އިން ހިދުމަތް ދޭން ފެށި ސްރީ ލަންކާގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 1 ސެޕްޓެންބަރު 1979 އެވެ.
ސްރީލަންކަން އެއާލައިންސް އާއެކު ޓާމިނަލް 1އިން މިހާރު ދަނީ 33 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ކޮމެންޓް