ރޭގަނޑު ދަންވަރު ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.
ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް އުޅެމުން އަންނަ ކަމަށެވެ.
އެހެންވެ، ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ވާ ނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ދަންނަވާފައިވާނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް މާލޭގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވެ، އެ މީހުންގެ ސަބަބުން މި ރަށުގެ ރައްޔިތުންނަށްވާ އުނދަގޫތައް ބޮޑުވެ، ކޮންޓްރޯލުން ނެއްޓިފައިވާ ކަމުގެ ޝަކުވާ ގިނަ އެވެ. މާލޭ ރައްޔިތުންނަށް ބިދޭސީންގެ ނުފޮރުއްޕާނާއި މުސީބާތް ބޮޑުވެއްޖެ ކަމުގެ ޝަކުވާ ވެސް އެތައް ބަޔަކު ކުރެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ބޮޑު އޮޕަރޭޝަނެއް ފުލުހުންނާއި އިމިގްރޭޝަނާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ވަނީ ފަށާފަ އެވެ. ނަމަވެސް އަދިވެސް މާލޭގައި އެ ފަދަ މީހުން ގިނަ އަދަދަކަށް އުޅެމުން ގެންދާ ކަމުގެ ޝަކުވާއަށް ނިމުމެއް ނާދެ އެވެ.
ކޮމެންޓް