މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ތަނުގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށާއި، ކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން "އެމްއެޗްސީއެލް އެވޯޑްސް ނައިޓް 2025" ގެ ނަމުގައި ހާއްސަ އެވޯޑް ނައިޓެއް ބާއްވާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން، މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާބާއި، އަލްއުސްތާޒު އަލީ ޝަރީފާއި، ޗެއާމަނާއި، ބޯޑު މެންބަރުންގެ އިތުރުން މުވައްޒަފުން ވެސް ބައިވެރިވި އެވެ.
ރަސްމިއްޔާތުގައި ވަނީ ހައްޖު ކޯޕަރޭޝަނަށް އިސްލާމިކް މިނިސްޓްރީން ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެ މިނިސްޓްރީއަށް ހާއްސަ އެވޯޑެއް ދީފަ އެވެ. އެވޯޑާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޝަހީމެވެ. އަދި މި ރަސްމިއްޔާތުގައި ކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ވެސް އެވޯޑް ދީފަ އެވެ.
މީގެ އިތުރުން ފާއިތުވި ދެ އަހަރު އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އުމްރާއަށް ފޮނުވި ކުންފުންޏަށާއި، އަމިއްލަ ފަރުދެއްގެ ގޮތުގައި އެންމެ ގިނައިން އުމްރާއަށް ދިޔަ ފަރާތަށް ވެސް އެވޯޑް ދީފައިވެ އެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ދެއްކެވި ވާހަކަފުޅުގައި ހައްޖު ކޯޕަރޭޝަން އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި، ރައްޔިތުން އިތުބާރު ކުރާ ކުންފުންޏަކަށް ހެދުމަށް ކުރާ މަސައްކަތްތައް ފާހަގަ ކުރައްވާ އެ ކަމަށް ތައުރީފު ކުރެއްވި އެވެ.
ހައްޖު ކޯޕަރޭޝަން އުފައްދާފައި ވަނީ 2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުންނެވެ.
އެ ގޮތުން މިހާތަނަށް ކުންފުނީގެ ތާރިހުން 12 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، އެ ރަސްމިއްޔާތުގައި ވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފަ އެވެ. އަދި އެކި ގޮތްގޮތުން ފާހަގަ ކޮށްލެވޭ މުވައްޒަފުންނަށް ވެސް އެވޯޑު ދިނެވެ.
މީގެ ތެރޭގައި އެމްޑީސް ސްޓާ ޕާފޯމާ އެވޯޑާއި، އެމްޕްލޮއީސް ޗޮއިސް އެކްސެލެންސް އެވޯޑާއި، އައުޓްސްޓޭންޑިން ކޮމިޓްމަންޓް އެވޯޑާއި، ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.
ރަސްމިއްޔާތުގައި އެމްޑީ ޝަކީލް ދެއްކެވި ވާހަކަފުޅުގައި ހައްޖާއި އުމްރާގެ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޑރ. މުއިއްޒު ކުރައްވާ މަސައްކަތްޕުޅާއި ދެއްވާ އިރުޝާދުތައް ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައިވެ އެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް އެ ކުންފުންޏާ މެދު ބަހައްޓަވާ ގާތްކަމާއި ކުރައްވާ އިތުބާރަށް ވެސް މެނޭޖިން ޑިރެކްޓަރު ޝުކުރު އަދާ ކުރެއްވި އެވެ. މީގެ އިތުރުން މެނޭޖިން ޑިރެކްޓަރު ވަނީ ފާއިތުވި މުއްދަތުގެ ތެރޭގައި ރައްޔިތުންގެ އިތުބާރާއި ލޯބި ކުންފުންޏަށް ހޯދުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަ ކުރައްވާ އެ މުވައްޒަފުންނަށް ތައުރީފު ކުރައްވާފަ އެވެ.
ހައްޖު ކޯޕަރޭޝަނުން އަންނަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ފައިދާވާ ކުންފުންޏަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ގޮތުން ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައް ހައްލު ކުރުމަށާއި، ހައްޖަށް ދިއުމަށް ނަގާ އަގު ކުޑަ ކުރުމަށް، ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުގެ އެއްބާރުލުމާ އެކު މިހާރުގެ މެނޭޖުމަންޓުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް