ވާހަކަ: ކާއިނާތު (އެގާރަ ވަނަ ބައި)

ވާހަކަ ލިޔުނީ: މަރިޔަމް މޫސާ

ކާއިނާތު ގެ އަމަލުތައް އެގޮތައް ހުރިކަމުގައި ވިޔަސް، ކާއިނާތުގެ އިނގިލީގައި އޮތް އަނގޮޓި ފެނުމުން ވިދާދު ގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ.

"އިއްޔެ ކާރުގައި އެހާ ބާރަށް ދެވުނީ މީޓިނަކަށް ދާން ލަސްވާތީ، އެކަމަށް ވެސް މާފަށް އެދެން، މީގެފަހުން މަގުގައި ދުއްވާނީ ބަލާއިގެން، ގަވާއިދަށް." ކާއިނާ ކުރިމަތީގައި އެހުރިހާ ކަމަކަށް އެއްބަސް ވާންޖެހޭ ސަބަބެއް ހުދު ވިދާދަކަށް ވެސް ނުވިސްނުނެވެ.

ވޮލެޓް ނަގައިފައި ރޭގައި ބިލަށް އެރި ފައިސާ ކާއިނާތުގެ ކުރިމަތީގައި ބެހެއްޓިއެވެ. ކާއިނާތު ވިދާދަށް ބަލާލިއެވެ. ވިދާދު ތެދުވެގެން ބޭރު ދޮރާ ދިމާ އަށް ދިޔައެވެ. ކާއިނާތު އިން ގޮތައް އިނީއެވެ. ޒައިބާ ކާއިނާތުގެ މޭޒު ކައިރިޔަށް އައުމުން ވިދާދު ބެހެއްޓި ފައިސާ ޒައިބާ އަށް ދައްކާ ލިއެވެ. އަދި ރޭގައި ބިލް ނުދައްކާ ދިޔަ މީހާ އެބިލް ދެއްކީ ކަމުގައި ބުންޏެވެ. ޒައިބާ ކަނބޮޑުވުމާއި އެކީގައި ނިކުންނަ ދޮރާ ދިމާ އަށް ބަލާލިއެވެ. ވިދާދު ކުރަން އެއުޅޭ ކަމެއް ޒައިބާ އަކަށް ނުވިސްނުނެވެ.

​ކެފޭގެ މައްސަކަތް ނިމިގެން ޒައިބާ އާއި ކާއިނާތު ބޭރަށް ނިކުތެވެ. އޭރު ތަންކޮޅެއް ދުރުގައި ސިނގިރޭޓު ބޯން ހުރި ވިދާދު އަތުގައި އޮތް ސިނގިރޭޓު އެއްލާލިއެވެ. ހީވީ މަނާކަމެއް ކުރަނިކޮށް އަތުލައި ގަތީހެންނެވެ. ވިދާދު ގޮސް ކާރަށް އަރާ ސްޓާޓް ކޮށްލިއެވެ. ކާއިނާ މަގުގެއެއް ފަރާތުން ހިނގައިގަތެވެ. ޒައިބާ އެވަގުތު ކާއިނާތުގެ އަތުގައި ހިފައި މަޑުކުރުމަށް އެދުނެވެ. ކާއިނާތު ވީކީއްތޯ ސުވާލު ކޮށްލިއެވެ.

​"އަހަރުމެން ގެޔަށް ލާދޭން މީހަކު ބުނި."ޒައިބާ ބުންޏެވެ.

​"ކާކު؟"ކައިނާ ޙާއިރާން ވެފައި ވާރާގަކަށް އަހާލިއެވެ.

​"އަހަރެންގެ ފުރެންޑެއް، ޕުލީޒް އިންކާރު ނުކުރާތި."ޒައިބާ އާދޭހުގެ ރާގެއްގައި ބުންޏެވެ.

ކާއިނާތު ބޮލުން އާންއެކޭ ބުނެލާގޮތައް ހަރަކާތް ކޮށްލިއެވެ. ވިދާދު ކާރުގައި އައިސް ޒައިބާ މެން ކައިރިޔަށް މަޑުކުރުމުން ކާއިނާތު ހިތްހަމަ ނުޖެހިފައި ދެބުމަގާތް ކޮށްލަމުން ޒައިބާ އަށް ބަލާލިއެވެ.

​"ޕުލީޒް."ޒައިބާ އާދޭސް ކުރާ ރާގަކަށް ބުންޏެވެ.

ކާއިނާތު ފުންނޭވާ އެއް ލުމަށް ފަހު ޒައިބާގެ ފަހަތުން ކާރަށް އެރިއެވެ. އެއީ އޭނަ ކުރަން ބޭނުންނުވާ ކަމަކަށް ވާތީ ޒައިބާ އަށް ހިތްހަމަ ނުޖެހިފައި ދެލޯ އަޅައިގެން އިނެވެ. ވިދާދު ވެސް އިތުރު ވާހަކަ އެއް ނުދައްކާ ޒައިބާ ބުނިތަނަށް ގެން ގޮސް ލާދިނެވެ.

​"ތެންކިއު."ޒައިބާ ކާރުން ފޭބިއެވެ. ކާއިނާތު ފައިބަން އުޅުމުން ޒައިބާ އެކަން މަނާކުރިއެވެ.

"މިހާލަސް ވަގުތެއްގައި ކާއިނާ އެކަނި ހިނގާފަ ދާނީ ކިހިނެއް؟ ކާރުގައި ދޭ، ޕުލީޒް."ޒައިބާ ކާއިނާތު ކުރެން އެނދުނެވެ.

އަދި ކާއިނާތު ގެ އެޑްރެސް ވިދާދަށް ކިޔާދިނެވެ. ކާއިނާތު ކުރިޔަށް ވުރެން ބޮޑަށް ޒައިބާ ދެކެ ރުޅިއައެވެ. ކާރުގެ ދޮރު ލެއްޕުމަށް ފަހު ޒައިބާ ހިނގަގަތެވެ. ވިދާދު އިތުރު އެއްޗެއް ކާއިނާތު ބުނުމުގެ ކުރިން ކާރު އިސްޓާޓް ކޮށްލިއެވެ. ތަންކޮޅަލަށް ދެވުނުތަނުން ކާރު މަޑުކުރުމަށް ކާއިނާތު އެދުނެވެ.  

​"މިހާލަސް ވަގުތެއްގަ މިހިސާބަށް ވެއިޓަރު ދޫކޮށް ލާކަށް ނުކެރޭނެ، އޭރުން ވެއިޓަރުގެ ފުރެންޑް ރުޅިއަންނާނެ." ވިދާދު މަޑުމަޑުން ބުނެލިއެވެ.

​"ބޭނުން ވެގެން ތިއުޅެނީ ކޮންކަމެއް؟" ކާއިނާތު ހިތްހަމަ ނުޖެހޭ ރާގެއްގައި ބުންޏެވެ.

ވިދާދު އިތުރަށް އެއްޗެއް ނުބުނެ ހިމޭނުން އިނީ އެވެ. އަދި ކާރު ގޮސް ކާއިނާތު ގޭކައިރިޔަށް  މަޑުކޮށްލިއެވެ. އޭރު އެތަނުގައި ގުރޫޕް ހަދާފައި ޒުވާން ފިރިހެން ކުދިންނާ އަންހެން ކުދިން ވާހަކަ ދައްކަން ތިއްބެވެ. ކޮންމެ ކުއްޖެއްގެ އަތުގައި ރޯކޮށްލާފައި އޮތް ސިނގިރޭޓެއް އޮތެވެ. ކާއިނާތު އެމީހުން ފެނުމުން ކުރިޔަށް ވުރެން ވެސް ބޮޑަށް ހިންހަމަ ނުޖެހުނެވެ. ވިދާދަށް ކާއިނާތުގެ މޫނަށް އައި ކުލަ ވަރު ރަނގަޅަށް އިޙްސާސް ކުރެވުނެވެ. ކާރުން ފޭބި ގޮތަށް ކާރުގެ ދޮރު ބާރަށް ޖަހާފައި ގޭތެރެ އާއި ދިމާ އަށް ދިޔައެވެ. ކުރިމަތީގައި  ތިބި ކުދިންތަކުން ދެކުއްޖަކު ކާއިނާތުގެ ކުރިމަށްޗަށް އަރާ ކުރި ބައްދާލިއެވެ. ވިދާދު ކާރު ދުއްވާ ނުލާ ބަލަހައްޓާގެން އިނެވެ. ސިނގިރެޓްގެ ދުންތައް ކާއިނާތުގެ މޫނަށް ފޮނުވާލުމުން ވިދާދު ރުޅި އައިސްގެން ބާރަށް ކާރުގެ ހުންގާނުގައި ހިފަހައްޓާލެވުނެވެ. އެވަގުތު ބޭކަރީ ތެރޭން ކާއިނާތުގެ ބައްޕަ ނިކުތުމުން އެކުދިން މަލާމާތުގެ ގޮތަކަށް ހެމުން ކާއިނާތު އާއި ދުރަށް ޖެހިލިއެވެ. ކާއިނާތު ގޮސް ގޭތެރެ އަށް ވަނެވެ. ކާއިނާތުގެ ބައްޕަ ވެސް ބޭކަރީ ތަޅުލުމަށް ފަހު ގޭތެރެ އަށް ވަނެވެ. ވިދާދު އެކުދިންނަށް ފަރުުވާ ތެރި ކަމާއި އެކީގައި ބަލާލިއެވެ.

 

*********************

ދެދުވަސް ފަހުން ޝަރާ ފުރައިގެން ރިސޯޓަށް ދިޔައެވެ. ވިދާދު ހީކުރި ކަހަލަ ކުއްޖަކަށް ޝަރާ ނުވިއެވެ. ޝަރާ އަދި މީހަކާ އިންނަން ބޭނުން ނުވާ ވާހަކަ އާއި އޭނަގެ ދިރިއުޅުމުގައި ހާސިލް ކުރަން ޖެހޭ އަމާޒެއް ވާކަމުގައި ބުންޏެވެ. ކެރިއާރ ދޫކޮށްލާފައި މީހަކާ އިނދެގެން ގޭގައި ބަނދެވެން ބޭނުން ނުވާކަމުގައި ޝަރާ ބުންޏެވެ. ވިދާދު ގެ ބައްޕަގެ ޝަކުވާ އަކީ ވިދާދު މީހަކާ ނީނދެގެން ކުރާ ޝަކުވާ އެވެ. ވިދާދު ހީކުރީ ޝަރާ ދިމާ ވުމުން ބައްޕަގެ އެޝަކުވާ ތައް ހުއްޓުވާލެވޭނޭ ކަމުގައެވެ.

​"އަހަރެން މިއީ ކަޓުޓައިޕްގެ މީހެއް ނޫން، މީހަކާ އިނދެގެން ފިރިމީހާ ގެ ހިދުމަތުގައިއިނދެފައި، ދެން ދަރިން ބަލަން އިންނާކަށް." ޝަރާ ބުނި ޖުމްލަ ވިދާދުގެ ކަންފަތުގައި ގުގުމާލިއެވެ.

​"އެހެން ނޫނަސް ވިދާދު ކަހަލަ މަޝްހޫރު މީހަކާ އިނދެގެން އެނަމުގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން، އަހަރެން މިއީ އެހާ ނާތަހުޒީބު މީހެއް ނޫން، އަހަރެން ނަކަށް ނޭނގެ ވިދާދަށް އަހަރެން ދެކެ ލޯބި ވެވުނު ގޮތެއް، އަހަރެން ވިދާދު ދެކެ ތިބުނާ ވަރަކަށް ލޯތްބެއް ނުވަން،އެއްކޮށް މަޖާކޮށް ވާހަކަ ދައްކާ ވަގުތު ހޭދަކުރުމަކީ ކައިވެންޏާ ހަމަ ދާން ޖެހޭ ވަރުގެ ކަމެއް ކަމަކަށް އަހަރެން ނުދެކެން." ޝަރާ އެބުނި ޖުމްލާން ވިދާދުގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.ވިދާދު ޝަރާ ދެކެ ލޯބި ވެއެވެ. އޭގެ ބަދަލުގަ ވިދާދު ބޭނުން ވަނީ ހަމަ ޝަރާގެ ލޯތް ބެވެ.

​"ކައިވެންނި ކޮށްގެން ވިދާދުގެ އަނބެއްގެ ގޮތުގައި ނޫނަސް މިހާރު މިއުޅޭ ގޮތަށް ލޯބިވެރިޔަކަށް އުޅެވިދާނެ ދޯ." ޝަރާ އެއްވެސް ޖެހިލުމެއް ނެތި ވިދާދަށް ބުންޏެވެ.

ޝަރާގެ އެބަސް ތަކުން އޭނަގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އޭނަ ބޭނުންވާ ލޯބި ހާސިލް ކުރެވޭނީ ކޮން ދުވަހަކުން ބާއޭ ހިތަށް އެރިއެވެ. ޝަރާ އާއި ދިމާ ވުމުގެ ކުރިން ހަޔާތަށްއައިހާ ކުއްޖަކު އައީ އޭނަގެ ތަނަވަސް ކަމަށެވެ. މަގާމުގެ ދަހިވެތި ކަމުން ނެވެ. ޝަރާ ފެނުނީ މުޅިން ތަފާތު ކުއްޖެއްގެ ގޮތުގައި މީހެގެ އެހީ އަކާ ނުލާ ކުރިއަރަން ބޭނުންވާ ކުއްޖެއް ގެ ގޮތުގައިއެވެ. ރިސޯޓަށް އިންޓަވިއު އަށް އައި ފުރަތަމަ ދުވަހުން ފަށާގެން ޝަރާ އަކީ އޭނަގެ މީހެއް ކަމުގައި ވިދާދަށް ޔަގީން ކުރެވުނީ ޝަރާގެ ބަސްތަކާ އަމަލުތަކުން ނެވެ. އެކަމަކު ކައިވެނީގެ ވާހަކަ ބުނި ހިސާބުން ޝަރާގެ އަމަލުތައް ބަދަލު ވެއްޖެއެވެ. އޭނަ އާއި ބައްދަލު ކުރަން އުޒުރު ވެރިވާން ފެށިއެވެ. އެތައް ބަހަނާ އެއް ދައްކާ މުޅިންހެން އޭނަ އާއި ދުރަށް ހިނގައްޖެއެވެ. މިހާރު އެއީ ކުރީގެ ޝަރާ އެއް ނޫނެވެ.

​ހަފްތާ އެއް ފާއިތުވެގެން ހިިނގައްޖެއެވެ. އޮފީހުން ނިމޭ ގޮތަށް ވިދާދު ގޮސް އިންނަނީކެފޭގައެވެ. ކޮފީ އަކަށް ފަހު ކޮފީ އެއް ބުއިމު ގައެވެ. ސިނގިރޭޓު ފޮށިން ސިގިރޭޓެއް ނަގައި ރޯކޮށްލަން އުޅޭ ކޮންމެ ފަހަރަކު ފާރުގައި ހިއްޕާފައިވާ ޕޯސްޓަރު ވިދާދަށް ފެނުމުން ސިނގިރޭޓު އަނބުރާ ބާއްވައެެވެ. އެކަމާ ފިރާޒް ޝަކުވާ ކޮށްކޮށް ވަރުބަލި ވެއްޖެ އެވެ. ކެފޭ އަށްވަންނަ އާމްދަނީ ދައްވާނޭ ކަމަށް ފިރާޒް ވިދާދަށް ވިސްނާދިއެވެ. އެހެން ނޫނަސް އެގޮތަށް އައިސް ހަމަޖެހިލައިގެން ސިގިރޭޓެއް ބޯލެވެނީ ވިދާދުގެ ކެފޭގައި ކަމަށް ފިރާޒް ބުންޏެވެ.

​"އަހަރެން ނަކަށް ނުވިސްނުނު، މިތަން ސިނގިރޭތު ބުއިން މަނާ ތަނަކަށް ހެދި ސަބަބެއް."ފިރާޒް އޭނަގެ ކަނބޮޑުވުން ފާޅުކުރިއެވެ.

​"ހުދު އަހަރެން ނަކަށް ވެސް ނޭނގޭ." ވިދާދު ބުންޏެވެ.

​"ވަރަށް ބޮޑަށް ވިދާދު ބަދަލުވެއްޖެ، ކިހިނެއްވީ؟ބަޔަކު ވޯނިންގް އެއް ދިނީތަ؟"ފިރާޒް އަހާލިއެވެ.

​"ކޮންކަމަކަށް؟"ވިދާދު ފޯނަށް ބަލަން އިނދެފައި އަހާލިއެވެ.

​"ދެން މިފަހަރުގެ ކަންތައް ދިޔަގޮތުން، އަހަރެން ހީކުރީ." ފިރާޒް ބުންޏެވެ.

​"އަހަރެން ގެ ނަޒަރުގައި ކަންތައްތައް ކުރެވެންޏާ ކުރިމަތި ލާންވީ، އެޔަށް އެއްވެސް ހުރަހެއްނެތް." ވިދާދު ފިރާޒަށް ބަލާލަމުން ބުންޏެވެ.

​"ދެން އެހެން ވިއްޔާ މިފަހަރު ކުރިމަތި ލާން އިންކާރު ތިކުރަނީ ކީއްވެ؟" ފިރާޒް އަހާލިއެވެ.

​"އެއީ ކިޔަވާގެން ތިބި އެހެން މީހުންނަށް ފުރުސަތު ދޭން، އަހަރެން ނަށް ހީވަނީ ޤައުމުގައި އަހަރެން ނަށް ވުރެން މާ ރަނގަޅަށް ކަންތައް ތައް ކުރެވޭނެ ޒުވާނުން އެބަތިބިހެން." ވިދާދު ހަމަޖެހިލަމުން ބުންޏެވެ.

​"އެކަމަކު ވިދާދުގެ ބައްޕަ ބޭނުންވަނީ އެގޮތް ނޫން ކަމުގައި ވެދާނެ."ފިރާޒް ބުންޏެވެ.

​"އެއީ ބައްޕަ ގެ ގޮތް އެހެން ނޫނަސް އަހަރެން ނަށް ކުރެވޭނީ ކޮންމެ ވެސް އެއް ކަމެއް." ވިދާދު ހީލަމުން ބުންޏެވެ.

​"އުހުން މިހާރު ތިވާހަކަ ދައްކަނީ ވިދާދު އެއް ނޫން، ކޮންމެ ވެސް އެހެން މީހެއް، އަހަރެން ނަށް ހީވަނީ ވިދާދަށް ލޯބި ވެވުނީހެން."ފިރާޒް ވިދާދަށް ބަލާލަމުން އަހާލިއެވެ.

​ވިދާދު ފިރާޒަށް ބަލާލިއެވެ. އަދި ތުންފަތް މަށްޗަށް ހިނިތުން ވުމެއް ގެންނަމުން ދެފަރާ ތަށް ބޯހޫރާ ލަމުން ހަމަޖެހުމުގެ ނޭވާ އެއް ލިއެވެ.

​"ލޯތްބަކަށް ޖާގައެއް ނެތް."ވިދާދު ފޯނުން ކާއިނާތުގެ ފޮޓޮއަށް ބަލާލިއެވެ.

​ފިރާޒް އަށް ވިދާދު ރަނގަޅަށް އެނގޭތީ އިތުރަށް ސުވާލު ކުރަން ބޭނުން ނުވިއެވެ. ފިރާޒަށް ފޯނެއް އައުމުން ވިދާދު އެތަނުގައި ބާންދާފައި ފިރާޒް އެތަނުން ދިޔައެވެ. ކެފޭ ބަންދު ކުރާ ގަޑި ޖެހުމުން ޒައިބާ ދިއުމުގެ ހުއްދަ ވިދާދުގެ ކުރެން އެދުނެވެ. ޒައިބާ އަށް ދިއުމަށް ހުއްދަދެމުން ޒައިބާގެ ފުރެޑްން މިހާރު ނާންނަނީ ކީއްވެގެން ތޯ ސުވާލު ކުރިއެވެ. ޒައިބާ ވިދާދަށް ބަލާލިއެވެ. ވިދާދު އިނީ ޒައިބާގެ ޖަވާބެއްގެ އިންތިޒާރު ގައެވެ.

​"ނޭނގެ އެރޭގެ ފަހުން އަޅުގަނޑު ގުޅީމައި ފޯނަށް ޖަވާބު ނުދީ ހުރެފައި އިއްޔެ ފޯނަށް ޖަވާބު ދިނީ ވެސް."ޒައިބާ މަޑުމަޑުން އަދަބު ވެރިކަމާއި އެކީގައި ބުންޏެވެ.

​"އެހާ ކުލޯސް ފުރެންޑެއް ނޫންތަ އެއީކީ؟"ވިދާދު ސުވާލު ކޮށްލިއެވެ.

​"ނޫން، ވަރަށް ކުލޯޒް، ސްކޫލް ދައުރުއްސުރެން." ޒައިބާ ބުންޏެވެ.

​"އެރޭ މިތާ އިނީ އޭނަގެ ބޯއީ ފުރެންޑްތަ؟"ވިދާދު ޒައިބާ އަށް ބަލާލަމުން އަހާލިއެވެ.

​"ލައްބަ."ޒައިބާ ބުންޏެވެ. ވިދާދު ހީލިއެވެ.

​"އެފުރެންޑަށްތަ ޖޮބެއް ހޯދަން ޒައިބާ އުޅުނީ." ވިދާދު އަހާލިއެވެ.

ވިދާދު އެހެން ބުނުމުން ޒައިބާ ބޯޖަހާލިއެވެ. ވިދާދު ޒައިބާ އަށް ދިއުމަށް ހުއްދަދިނެވެ. ޒައިބާ ސުވާލުން ފުރިފައިވާ ބެލުމަކުން ވިދާދަށް ބަލާލިއެވެ. ކާއިނާތާ ބެހޭ ގޮތުން ވިދާދު އެހާ ސުވާލު ކުރުމުންނެވެ.

​ޒައިބާ ދިއުމުން ވިދާދު ވެސް އިރުކޮޅަކު އިނުމަށް ފަހު އެތަނުން ނިކުމެގެން ގޮސް ކާރަށް އެރިއެވެ. ކާރުގައި ވިދާދު ގޮސް މަޑުކޮށްލީ ކާއިނާތުގެ ގޭ ކައިރިޔަށެވެ. ޕާކުކުރާނޭ ތަންކޮޅެއް ނެތުންމުން މަޑުމަޑުން ކާރު ދުއްވާލާފައި އެތަނުން ގޯޅިއެއްގެ ތެރެއަށް ވަނެވެ. ހުސްތަން ކޮޅެއް ގައި ޕާކު ކޮށްލާފައި ވިދާދު ކާރުން ފޭބިއެވެ. ހިސާބުގަނޑުގައި ހިމޭން ކަން ވެރިވެފައި އޮތެވެ. ތަންތަން ކޮޅުގައި ގުރޫޕް ހަދާފައި ފުރާވަރުގެ ކުދިން ވާހަކަ ދައްކަން ތިއްބެއެވެ. ވިދާދު ކާރު ގައި ލެނގިލަމުން އަތުގައި އޮތް ސިނގިރޭޓު ރޯކޮށްލިއެވެ. ދުންތައް ވައިގެ ތެރެއަށް ދޫކޮށް ލުމަށް ފަހު ހަމަޖެހިލިއެވެ.

ވިދާދު ކުރަން އެއުޅޭ ކަމެއް ހުދު ވިދާދަކަށް ވެސް ނޭނގެ އެވެ. ގެޔަށް ދިއުމުގެ ބަދަލުގައި ކާއިނާތުގެ ގޭކައިރިޔަށް އާދެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ކާއިނާތާ ބެހޭ މަޢުލޫމާތު ހޯދަން އޭނަ ބޭނުން ވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ޝަރާ އޭނަޔާ ވަކިވާން ބޭނުންވާ ވަހަކަ ބުނުމުން އެހާ ބޮޑަށް އެކަމާ ސަމާލުކަން ނުދެވުނު ސަބަބެއް އޭނަ އަކަށް ނުވިސްނުނެވެ.

މަޑުމަޑުން ހިނގާލާފައި ވިދާދު ކާއިނާތުގެ ގޭ ކައިރިޔަށް ދިޔައެވެ. އެތަނުން ކާއިނާތު ވަނީ ކޮން އެޕާޓުމަންޓަކަށް ކަމެއް ނޭނގިވެސް ކާއިނާތު އެރޭ ވަން ދޮރާއި ދިމާ އަށް ބަލާލިއެވެ. އެއިމާރާތުގެ ބައެއް އެޕާާޓުމަންޓް ތައް ނިއްވާލާފައި ހުއްޓެވެ. އިމާރާތާއި ދިމާ އަށް ބަލަހައްޓައިގެން ވިދާދު ހުއްޓެވެ. ކާއިނާތު ފެންނާނޭ ކަމުގެ އުންމީދު ގަތެވެ.

****************

​އޮފީހުގެ މަސައްކަތައް އެހާ ސަމާލު ކަމެއް ނުދެވި އަބަދު ވިސްނަން އިންނަކަން ވިދާދުގެ ކައިރީގައި އުޅޭ އެކުވެރިން ނަށް ފާހަގަ ވާން ފެށިއެވެ. ކުރިޔަށް އޮތް އިންތިޙާބަށް އެ ޕާޓީން ރަނގަޅަށް ތައްޔާރު ވާން ޖެހެއެވެ. ވިދާދުގެ ބައްޕަ އަށް ގޮނޑި ކާމިޔާބު ކޮށްދޭން ގަދައަލާ މަސައްކަތް ކޮށް ކެންޕޭން ބާއްވަން ޖެހެއެވެ. އެއިން އެއްވެސް ކަމަކާ އުޅޭހިތް ނުވެ ހިމޭން ވެފައި ވިދާދު ހުއްޓެވެ. އެކަމަކު ވެސް ކުރަން ޖެހޭ ކަމަކަށް ވާތީ މަދުންހެން އެކަމުގައި އުޅެވޭތޯ ބަލައެވެ. ހިތާ ދެކޮޅަށެވެ.

އޮފީސް ނިންމާލާ ގޮތަށް ވިދާދު އަންނަނީ ބައްޕަގެ އޮފީހަށެވެ. އެ އޮފީހުގެ ދަށުން ހިނގާ ހުރިހާ މަސައްކަތެއް ބަލަހައްޓަނީ ވިދާދު ކަމަށް ވާތީއެވެ. ގިނައިން ޔޫނުސް އުޅެނީ ރަށުން ބޭރުގައި ކަމުން ހުރިހާ ޒިންމާ އެއް އަދާކުރަނީ ވިދާދެވެ. އަހަރީ ޗުއްޓީވީމައި އޮފީހުން ވެސް ގިނަ މުވައްޒަފުން ވަނީ ޗުއްޓީ އަށް ރަށުން ބޭރަށް ގޮސްފައެވެ. އަލުން އާމުވަޒަފުން ނަގަން ޖެހި އެކަމުގެ މަސައްކަތް މިރުފާން ކުރިޔަށް ގެންދިޔައެވެ.

​"ކަމަކާ މާބޮޑަށް ވިސްނާހެން އެބަހީވޭ."މިރުފާން އެތެރެ އަށް ވަންނަމުން ބުނެލިއެވެ. ވިދާދު އަތުގައި އޮތް ފޯނު މޭޒު މަތީގައި ބޭއްވިއެވެ.

​"ނޫން...." ވިދާދު ޖަވާބު ދިނެވެ.

​"ދެން އެހެން ވިއްޔާ މިއަދު ވެސް މީޓިނަށް ނައީ ކީއްވެ؟"މިރުފާން ސުވާލު ކޮށްލިއެވެ.

​"ބޭނުމަކީ ކޮބާ؟ ދައްކަނީ އެއް ވާހަކަ އެއް، ކޮޅެއްގަ ނުޖެހޭ."ވިދާދު ބުންޏެވެ.

​"އޯކޭ، އަހަރެން މިދަނީ އިންޓަވިއު އަށް ގެނެސްސަ ތިބި ކުދިންނާ ބައްދަލު ކޮށްލަން."މިރުފާން ބުންޏެވެ.

ވިދާދު މިރުފާން ދިއުމުން ހަމަޖެހިލިއެވެ. ފާރުގައި ހަރުކޮށް ފައި ހުރި ސެކެއުރިޓީ ޓީވީ އަށް ބަލާލެވުނެވެ. ފުންމައިގެން ވިދާދު ތެދުވިއެވެ. އަދި ވިދާދުގެ ކެބިންގެ މެދެއް ހާ ހިސާބުގައި އެއްފްރޭމަށް ހުރި ބިއްލޫރި ދޮރުގެ ބުލައިންޑު ކުޑަކޮށް ހުޅުވާލާފައި އިންޓަވިއު އަށް އައިސް ތިބި ކުދިންނަށް ބަލާލިއެވެ. ކާއިނާތު ފައިލެއް ހިފައިގެން އޮފީހުގައި ޖަހާފައިވާ ގޮޑިބަރީގައި ފޯނާ ކުޅެލަ ކުޅެލާ އިނެވެ.

ފަހަރަކު ކުއްޖަކު އިންޓަވިއު ކުރެވެމުން ދިޔަ ކޮޓަރިޔަށް ވަންނަމުން ދިޔައެވެ. ވިދާދު ކަޅި ޖަހާނުލާ ކާއިނާތަށް ބަލަމުން ދިޔައެވެ. ކާއިނާތާ ޖެހުމުން ކާއިނާތު ގޮސް އެކޮޓަރިޔަށް ވަނެވެ. އިރުކޮޅެއް ފަހުން ކާއިނާތު އެތަނުން ނިކުމެގެން ދިޔައެވެ. ވިދާދު ކެބިނުން ބޭރަށް ނިކުމެގެން ކާއިނާތު ދިޔަދިމާ އަށް ދިޔައެވެ. ކާއިނާތު ލިފްޓުން ފައިބައިގެން އިރާމާތުން ބޭރަށް ނިކުތެވެ. ވިދާދު ބިއްލޫރި ގަނޑުން މަގުމައްޗަށް ބަލަން ހުއްޓެވެ. ކާއިނާތު ގޮސް އެރީ އިރުފާން ގެ ސައިކަލް ފަހަތަށެވެ. ވިދާދު އިރުކޮޅަކު އެހެން ހުރެފައި ގޮސް އިންޓަވިއު ކުރެވެމުން ދިޔަ ކޮޓަރިޔަށް ވަނެވެ.

އޭރު ވެސް ދެތިން ކުދިން ނުނިމި ތިއްބެވެ. ވިދާދު ގޮސް މިރުފާން އިން ގޮޑި އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އަދި ފައިލުތަކަށް ބަލާލިއެވެ. މިރުފާނަށް ވިދާދު އެއައީ ކީއްކުރަން ކަން އެނގުނެވެ. ފައިލުތައް މަތީގައި އޮތް ކާއިނާތުގެ ފައިލު ވިދާދަށް ދިއްކޮށް ލިއެވެ.

"މީތި ދެއްތޯ ތިހޯދައްވަނީ؟" މިރުފާން މަޑުމަޑުން އަދަބު ވެރިކަމާއި އެކީގައި ބުންޏެވެ.

ވިދާދު ގެ ތުންފަތް މަތިން ހިނިތުން ވުމެއް ފާޅުވިއެވެ. އާމު ގޮތެއްގައި މިރުފާން އޮފީހުގައި އުޅޭއިރު އިތުރު މީހުން ތިބިއްޔާ ވިދާދާއި ވާހަކަ ދައްކަނީ އަދަބުވެރި ކަމާއި އިޙްތިރާމާއި އެކީގައެވެ. ވިދާދު ފައިލު ހިފައިގެން އެތަނުން ނިކުތެވެ.

ވިދާދު ކެބިނަށް ވަނުމަށް ފަހު ފައިލު ހުޅުވާލިއެވެ. ކާއިނާތުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޮއެއް އެޕްލިކޭޝަން ފޯމުގައި ތަތްކޮށްފައި އޮތެވެ. ވިދާދު ފޮޓޮ އަށް ފަރުވާތެރި ކަމާއި އެކީގައި ބަލާލިއެވެ. އޭނަގެ ސިކުނޑީގައި ހިނގަނީ ކޮން ކަމެއް ކަން ހުދު އޭނާ އަކަށް ވެސް ނޭނގެއެވެ. ފޮޓޯގައި އަތް ކާއްތާލިއެވެ. ތުންފަތް މައްޗަށް އުފާވެރި ހިނިތުން ވުމެއް ވެރިވިއެވެ. ޓަކި ޖަހާލަމުން މިރުފާން ކެބިނަށް ވަނެވެ.

"ކާއިނާތަށް ވަޒީފާ ދޭނީ ކިހިނެއް؟"މިރުފާން ގޮނޑީގައި އިށީން ނަމުން ބުންޏެވެ.

"ކިހިނެއްވީ؟"ވިދާދު ސުވާލު ކޮށްލިއެވެ.

"އޭނަ އަދި ކިޔަވަނީ، ޕާޓްޓައިމް ކޮށް އޭނަޔަށް އާދެވޭނީ، މިހާރު ވެސް މިއުޅެނީ އެގޮތަށްއަންނަ ކުދިން ގިނަކަމުން މިތަނުގަ މަސައްކަތެއް ނުވެގެން." މިރުފާން ބުންޏެވެ. ވިދާދު ފުންނޭވާ އެއް ލުމަށް ފަހު މިރުފާނަށް ބަލާލިއެވެ.

 

އަދި ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy