ހައްޖާއި އުމްރާގެ ކަންކަމުގައި އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާގެ އަލް ސަފްވާ ފައުންޑޭޝަނާ އެކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދިޔައީ މިއަދު ކުރިއަށްދާ ހައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 1447ގެ ތެރެއިން ކަމަށެވެ.
މިއީ ހައްޖާއި އުމްރާގެ ކަންކަމުގައި އެ ކޯޕަރޭޝަނަށް އަލް ސަފްވާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިނުމާއި، މުވައްޒަފުން ހިލޭ ތަމްރީން ކުރުމާއި ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އެވެ. ސަފްވާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ މުހައްމަދު އަލް-ހަޖޫރީ. އެވެ.
ރާއްޖޭގައި ބާއްވާ ދެވަނަ ހައްޖު އުމްރާ ކޮންފަރެންސް މިއަދު ހެނދުނު 8:30 އިން 17:00 އާ ހަމައަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ދާނެ އެވެ. މި ކޮންފަރެންސްގައި ސައުދީ އަލް ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން އަބްދުﷲ އަލްރަޖްހީ އާއި އެ ޖަމުއިއްޔާގެ ބައެއް އިސް ބޭފުޅުން ބައިވެރިވައްލަ އެވެ.
ކޮމެންޓް