އަދުލުވެރިކަމާއި، އިންސާނީ ކަރާމާތާއި، ހަމަހަމަކަން ދެމެހެއްޓުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވައިފި އެވެ.
މި އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރަމުންދާ މުނާސަބަތާ ގުޅުވައިގެން ރައީސް މިއަދު ފޮނުއްވި މެސެޖުގައި، އިންސާނީ ހައްގުތަކަކީ ސުލްހަމަސަލަސްކަމާއި، ދެމެހެއްޓެނިވި ތަރައްގީގެ ބިންގައު ކަމުގައި ވިދާޅުވިއެވެ. އަދި މި ހައްގުތަކަކީ ތަސައްވުރުގެ ހިޔާލުތަކެއް ނޫންކަމަށާއި، އެއީ ކޮންމެ ފަރުދަކު ވެސް ގަދަރާއި އުންމީދާއެކު ދިރިއުޅެވޭނެ އަސާސީ ހިމާޔަތްތަކެއް ކަމުގައި އެ މަނިކުފާނު ސިފަ ކުރެއްވި އެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވައިލެއްވި އެވެ.
އެގޮތުން، ތައުލީމާއި، ސިއްހީ ހިދުމަތާއި، އިޖުތިމާއީ ރައްކާތެރިކަން ފަދަ އަސާސީ ހިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ހަމަހަމަކަން ގާއިމުކުރުމަށާއި، މުޖުތަމައުގައި ނާޒުކު ހާލަތުގައި ތިބި ފަރުދުން ހިމާޔަތްކުރުމަށާއި، އަސާސީ މިނިވަންކަން ނެގެހެއްޓުމަށް ގާނޫނީ އަދި މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާ ކުރެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ރައީސްގެ މެސެޖުގައި ފާހަގަ ކުރެއްވި އެވެ.
އެގޮތުން، އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގައި ހަރަކާތްތެރިވުމުގެ އިތުރުން، ރާއްޖެއަކީ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގައުމެއްކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި، ބައިނަލްއަގުވާމީ މުއާމަލާތްތައް ހަރުދަނާކޮށް، ގައްގުތައް ރައްކާތެރިކުރުމުގެ މަޝްވަރާތަކާއި، ނިންމުންތައް ނިންމުމުގައި، ރާއްޖެއިން، ވަކީން ހާއްސަކޮށް، އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގައި ވެސް ރާއްޖެ، ވަރަށް އިސް ސަފުގައި ހަރަކާތްތެރިވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިކަމުގައި ރާއްޖޭގެ ބައިވެރިވުން ރަމްޒުކޮށްދެނީ، އިންސާނީ ހައްގުތަކަކީ ސަރަހައްދީ އިމެއް އެކަމުގައި ނެތް، އަދި އެ ހައްގުތައް ހިމާޔަތްކުރުމުގައި ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެއްކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރައީސްގެ މެސެޖުގައި، ފަލަސްތީނުގެ ހާލަތަށް އަލިއަޅުވާލައްވަމުން، އިންސާނީ ހައްގުތަކަކީ ބައިބައި ނުކުރެވޭނެ ހައްގުތަކެއް ކަމަށާއި، އިންސާނީ ހައްގުތަކަކީ، އެއްވެސް ބައެއްގެ ކިބައިން އެ ހައްގުތައް ނިގުޅައިގަނެވިއްޖެ ނަމަ، ބައިނަލްއަގުވާމި ފެންވަރުގައި އެ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމް ކުރެވޭކަމަށް ބުނެވޭނެ ފުރުސަތު ނެތް ކަމެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.
ހަމަމިއާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން އަސާސީ ހައްގުތައް ނިގުޅައިގަތުމަކީ، އިންސާފާއި އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި، ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
މި ދުވަހުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުއިއްޒު ވަނީ، އަދުލުވެރިކަމާއި، ހަމަހަމަކަމާއި، އޯގާތެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއަރުވައި ހޭލުންތެރިކަން އިތުރުކުރުމަށް، ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ، އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގަ އެވެ.
ކޮމެންޓް