ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުގެ އަރިހަށް އެމެރިކާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޫގޯ ޔޮން، ވަދާއީ ޒިޔާރަތެއް ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ހަލީލު ވަނީ ސަފީރު ހޫގޯ ޔޮންގެ ސަފީރުކަމުގެ ދައުރުގައި އެ މަނިކުފާނު ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަ ކުރައްވައި، ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ކުރިއެރުވުމަށް ޓަކައި އެ މަނިކުފާނު ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އެމެރިކާ ސަފީރުގެ ވާހަކަފުޅުގައި، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓި ގާތްކަން ފާހަގަ ކުރައްވައި، އެ މަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ދިން އެއްބާރުލުމަށް ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވި އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ހަލީލު ވަނީ އެމެރިކާ ސަފީރުކަމުގައި ހޫގޯ ޔޮން ހުންނަވައިގެން ކޮށްދެއްވި ހިދުމަތުގެ އަގުވަޒަން ކުރައްވައި ރާއްޖެ އާއި އެމެރިކާއާ ދެމެދުގައިވާ އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާކަމުގައި ވިދާޅުވެފަ އެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، މިނިސްޓަރު ހަލީލު ވަނީ އެމެރިކާގެ ސަފީރު އެ މަނިކުފާނުގެ ދައުރުގައި ބެހެއްޓެވި ގާތް ރަހުމަތްތެރިކަން ފާހަގަ ކުރައްވާފަ އެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅައި އައު ސަފީރަށް ވެސް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ހަލީލް އެރުވި އެވެ.
ކޮމެންޓް