ސައުދީ އަރަބިއްޔާގެ އަލް ސަފްވާ ފައުންޑޭޝަނާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި އެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ދެ ވަނަ ހައްޖު އަދި އުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
އެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ސައުދީގެ އަލް ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން އަބްދުﷲ އަލްރަޖްހީ މިއަދު ހައްޖު ކޯޕަރޭޝަނަށް ޒިޔާރަތެއް ކުރެއްވި އެވެ.
އެ މަނިކުފާނުގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ސަފްވާ ފައުންޑޭޝަންގެ ވަފުދަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މަރުހަބާ ދެންނެވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފާއި، މުހައްމަދު ޝިހާބު އެވެ.
މިއަދުގެ ބައްދަލުވުމާ ބެހޭ ގޮތުން ހައްޖު ކޯޕަރޭޝަނުން ބުނީ ސަފްވާ ފައުންޑޭޝަންގެ ވަފުދާއެކު އެ ކޯޕަރޭޝަންގެ އިސް ވެރިން ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަލް ސަފްވާ ފައުންޑޭޝަނަކީ ސައުދީ އަރަބިއްޔާގެ މަޝްހޫރު އައްރާޖިހީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެކެވެ.
ކޮމެންޓް