ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕަސިންޖަރު ޓާމިނަލް ނުވަތަ ޓާމިނަލް 1އިން ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އީސްޓަން އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1އިން އީސްޓަން އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކޮންގް ސިއަންހުވާ އެވެ.
އެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އީސްޓަން އެއާލައިން އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވެލްސްގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ފަޔާޒު އަދި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު އާއި އެ ކުންފުނީގެ އިސް ވެރީންނާއި އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
ޓާމިނަލް އެކަކުން ޗައިނާ އީސްޓަން އެއާލައިންސަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާލައިނުން ފުރި 241 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް އެކަކަށް ކައިރިކުރި އެ އެއާލައިންގެ ފުރަތަމަ ފުލައިޓު MU235 އިން ރާއްޖެ އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޗައިނާ ސަރުކާރުން ހިންގާ ޗައިނާ އީސްޓަން އެއާލައިންސަކީ ޗައިނާގެ އެންމެ ބޮޑު އެއާލައިންގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެކެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރު ފެށީ 2007 ވަނަ އަހަރުގެ އޭޕްރީލް 28ގަ އެވެ.
މިއީ ޓާމިނަލް 1އިން ހިދުމަތް ދޭން ފެށި ޗައިނާގެ ހަތަރު ވަނަ އެއާލައިނެވެ.
ޗައިނާގެ އީސްޓަން އެއާލައިންސާ އެކު ޓާމިނަލް 1އިން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު މިވަނީ 30 އަށް އިތުރުވެފަ އެވެ.
ކޮމެންޓް