ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 40 އަހަރުގެ އަހުމަދު އަޒުމީލް ނިޔާވީ ބެންކޮކްގެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުގެ ވަގުތެއްގަ އެވެ.
އޭނާ ނިޔާވުމާ ގުޅިގެން ރައީސް ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަހުމަދު އަޒުމީލް ނިޔާވި ހަބަރު އެއްސެވީ ނުހަނު އަސަރާއި ހިތާމައާ އެކު ކަމަށެވެ.
މި ނުތަނަވަސް ވަގުތުގައި ރައީސް ވަނީ އަޒުމީލްގެ އާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތައުޒިޔާ ދަންނަވާފަ އެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މަރުހޫމް އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ދަންނަވާފައިވެ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 26 ގައި ހިނގި އެ ހާދިސާގައި އަޒުމީލްގެ ހަށިހަގނޑުގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ. އަދި އިތުރު ފަރުވާއަށް ބެންކޮކަށް ގެންދިޔައީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މި ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ކޮމެންޓް