ރާއްޖެއަކީ އިގުތިސޯދީ ގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތު ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި މި ޒިންމާއާ ވާޖިބު އަދާކުރުމުގައި، ދިވެހި ކޮންމެ ރައްޔިތަކު ވެސް ބައިވެރިވުމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސާވޭ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ގައުމުގައި ފަސް އަހަރުގެ ތެރޭގައި އައު ވަޒީފާތައް އުފެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ އިތުރުން، އެ މަނިކުފާނުގެ މެނިފެސްޓޯގެ އަސާސީ ބައެއްކަމުގައި ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ. އަދި، އެއަމާޒަށް ވާސިލުވުމުގައި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މިއަމާޒަށް ވާސިލުވުމުގެ ގޮތުން ފެށިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ ދާއިރާތަކެއް ވަޒީރުންގެ މަޖިލީހުން އެކަށައަޅުއްވައި ނިންމެވުމާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ ފަދަ ދިވެހީންގެ ހިދުމަތް މުހިންމު ދާއިރާތަކުން ދިވެހީން އިތުރު ކުރުމަށް ހާއްސަ އިނާޔަތްތައް ތައާރަފު ކުރެއްވުމުގެ މަސައްކަތް ފެއްޓެވުމާއި، ގައުމީ ހިދުމަތުގެ ޕްރޮގްރާމުގެ އިތުރުން ހާއްސަ އިގުތިސާދީ މަޝްރޫއުތައް ފެށިފައިވާކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
ރާއްޖެއަކީ އިގުތިސޯދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތު ކުރުމަކީ އެންމެހައި ދިވެހިންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެ މަސައްކަތުގައި ޝާމިލްވުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވި އެވެ.
އޭގެ އިތުރުން ސަރުކާރުން މި ފަހިކޮށްދޭ އާމުދަނީ ހޯދުމާއި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.
ކޮމެންޓް